14 Feb 2012, 16:23
އެތެންސް (ފެބްރުއަރީ 14) : ގްރީސް އިގުތިސާދު އިފްލާސްވުމުން ސަލާމަތް ކުރުމަށްޓަކައި އެގައުމުގެ ޕާލަމެންޓުން ފާސްކުރި ހަރަދު ކުޑަކުރުމުގެ ޕްލޭން ތަންފީޒުކުރާނެކަން ގްރީސް ސަރުކާރުން ކަށަވަރުކޮށް ދިނުމުން ޔޫރަޕްގެ އިއްތިހާދުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ގްރީސްގެ ޕާލަމެންޓުން ފާސްކުރި ހަރަދު ކުޑަކުރުމުގެ ޕްލޭނާ ދެކޮޅަށް ރައްޔިތުން މުޒަހަރާކުރަމުން ގެންދިޔަ ނަމަވެސް އެގައުމުގެ ސަރުކާރުން ބުނީ ހަރަދު ކުޑަކުރުމުގެ ޕްލޭން ތަންފީޒުކުރުން ނޫން ގޮތެއް ގައުމަށް ނެތް ކަމަށާއި ގްރީސްއަށް އިގުތިސާދީ ކުރިއެރުން ލިބި ވަޒީފާގެ ފުރުސަތު އުފެއްދޭނެ ހަމައެކަނި ގޮތަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް ލޯންދޭ ފަރާތްތަކުގެ އިތުބާރު ހޯދުމެވެ.
ހަރަދު ކުޑަކުރުމުގެ ޕްލޭން ތަންފީޒުކުރާނެކަން ގްރީސް ސަރުކާރުން ކަށަވަރުކޮށްދިނުމުން ޔޫރަޕްގެ އިއްތިހާދުގެ މަނިޓަރީ ކަންތައްތަކާބެހޭ ކޮމިޝަނާ އޮލިރެން ވިދާޅުވީ ގްރީސްގެ ނިންމުމާމެދު އުފާކުރައްވާ ކަމަށާއި ހަރަދުކުޑަކުރުމުގެ ޕްލޭން ތަންފީޒު ކުރެވިއްޖެނަމަ ގްރީސްގެ އިގުތިސާދު ހަމަމަގަށް އެޅިގެންދާނެ ކަމުގަ އެވެ.
ގްރީސްގެ މިނިންމުމަށް އެގައުމަށް ލޯންދިނުމުގައި ޝާމިލްވާ ގައުމެއް ކަމަށްވާ ޖަރުމަނުންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޖަރުމަނުގެ ސަރުކާރުގެ ތަރްޖަމާނެއް ކަމަށްވާ ސްޓީވަން ޒައިބަޓް ވިދާޅުވީ ޔޫރޯ ސަރަހައްދުގެ އިމުގެ ތެރޭން ގްރީސްއަށް އެހީދިނުމަށް ޖަރުމަނުން ތާއީދުކުރާނެ ކަމުގަ އެވެ. ގްރީސްގެ މާލީ ކަންތައްތައް ކޮންޓްރޯލުން ނެއްޓި ބޮއްސުންލައިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތައް ވަނީ ގްރީސް ސަރުކާރުގެ އެންމެ ފަހުގެ ނިންމުމާ މެދު ހިތްހަމަޖެހިފަ އެވެ.
ގްރީސްގެ ޕާލަމެންޓުން ފާސްކުރި ހަރަދުކުޑަކުރުމުގެ ޕްލޭން ތަންފީޒުކޮށްފިނަމަ އެގައުމަށް 130 ބިލިޔަން ޔޫރޯގެ ކުއްލި އެހީއެއް ދިނުމަށް ޔޫރަޕްގެ އިއްތިހާދުގެ މާލީ ވަޒީރުންގެ ބައްދަލުވުމުން ނިންމާނެ ކަމަށް މީޑިޔާ ރިޕޯޓްތަކުގައި ލަފާކޮށްފައިވެ އެވެ.
ހަރަދު ކުޑަކުރުމުގެ ޕްލޭނާ ދެކޮޅަށް ރުޅިވެރިކަމާ އެކު މުޒާހަރާކުރި ގްރީސްގެ އެތައް ހާސް ބަޔަކު ވަނީ ބޭންކްތަކާއި ސިނަމާތަކާއި ކެފޭ ރެސްޓޯރެންޓްތަކުގެ އިތުރުން ސަރުކާރުގެ އިމާރަތްތަކުގައި ވެސް ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފަ އެވެ. މިއަމަލުތަކުގެ ސަބަބުން ގްރީސްއަށް ވަނި އިގުތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން އާދަޔާ ހިލާފް ގެއްލުންތަކެއް ލިބިފަ އެވެ. ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ގްރީސްގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ބައެއް މީހުން ހައްޔަރުވެސްކޮށްފަ އެވެ. (ރޮއިޓާސް)