08 Jun 2021, 16:57
އެސްޓްރާޒެނަކާގެ ފަސްލައްކަ ޑޯޒް ވެކްސިން އަންނަ މަހު ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ސަރުކާރުން މީގެކުރިން ބުނެފައި ވަނީ މި ހިނގާ ޖޫން މަހު އެ ވެކްސިން ލިބޭނެ ކަމަށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެސްޓްރާޒެނެކާ ވެކްސިން ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމަށް މިއަދުވެސް އެ ކުންފުންޏާއެކު ބައްދަލުވުމެއް ބޭއްވުނު ކަމަށެވެ. އަދި އެކުންފުނިން މިހާރު ދޭ ޔަގީންކަމަކީ އަންނަ ޖުލައި މަހު އެ ވެކްސިން ލިބޭނެކަން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ބައްދަލުވުމުގައި އެ ކުންފުނިން ދީފައިވާ ޔަގީންކަމަކީ, ޖުލައި މަސް ތެރޭގައި 500,000 ޑޯޒް އަޅުގަނޑުމެންނާ ހިސާބަށް ގެނެވޭނެ ކަމަށް," ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވެފައިވަނީ, ރާއްޖެއިން އެއްބަސްވެފައިވާ 700,000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނި ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިިދޔަ މަސް ނިމޭއިރު, ފުރަތަމަ ދެ ލައްކަ ޑޯޒް ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ. އަދި ޖުލައި މަހު ވެސް ދެ ލައްކަ ޑޯޒް ގެންނާނެ ކަމަށް ނަސީމް ވިދާޅުވެފައިވެ އެވެ. އަދި އޯގަސްޓުގެ ނިޔަލަށް ބާކީ ތިން ލައްކަ ޑޯޒް ވެކްސިން ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ. މަހު ތިން ލައްކަ ޑޯޒް ގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއެސްއައި) އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އަދި މިހާތަނަށް ލިބިފައިވަނީ, 100،000 ޑޯޒް އެވެ. އިންޑިއާއިން ވެކްސިން ބޭރު ކުރުން މެދުކަނޑާނުލުމާއެކު, ރާއްޖޭގެ ގިނަ ބަޔަކަށް ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖެހުމަށްފަހު, ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި އެވެ.
ކޮވިޝީލްޑްއަކީ, އެސްޓްރާޒެނަކާގެ ފޯމިއުލާއިން ތައްޔާރު ކުރި ވެކްސިންއަކަށްވުމާއެކު, ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެސްޓްރާޒެނަކާގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ލަފާ ދީފައެވެ.
ރަޝިޔާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ"ވެކްސިންގެ ނައުމަށްވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ, އެ ވެކްސިންގެ 200,000 ޑޯޒް ގެނައުމަށް ނޮން ޑިސްކްލޯޝާ އެގްރިމެންޓެއްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށާއި ސަޕްލައި އެގްރިމަންޓުގައި މިހާރު ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސަޕްލައިން އެގްރިމަންޓުގައި ސޮއިކުރާތާ ހަތަރު ހަފްތާ ތެރޭ [ރަޝިޔާގެ] އެވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ލިބިފައި," ރައީސް ވިދާޅުވި އެވެ
ނަމަވެސް ސަޕްލައިންގް އެގްރިމަންޓުގައި ސޮއިކުރާނެ ތާރީހެއް ރައީސް ހާމައެއް ނުކުރައްވައެވެ.
އެމެރިކާއިން ހިލޭ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރައީސް ވިދާޅުވީ, އެ ވެކްސިން މި މަސްތެރޭ ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. ނަމަވެސް ލިބެނީ ކޮން ވެކްސިންއެއް ކަމެއް އަދި ލިބޭނީ ކިހާ އަދަދެއްގެ ވެކްސިންއެއް ކަމެއް އަދި ނޭނގޭ ކަމަށެވެ.
މިހާތަނަށް 312,000 އަށްވުރެ ގިނަ މީހުން ވަނީ ފުރަތަމަ ޑޯޒްގެ ވެކްސިން ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ, 173,291 މީހުންނެވެ.