08 Jun 2021, 16:45
ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އާޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދިގު ދެންމުމަށް ސަރުކާރުން ނިންމައިފި އެވެ.
މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވާ މިންވަރު އިންތިހާއަށް މައްޗަށް ގޮސް, މިދިޔަ މަހު 26ގައި ފިޔަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެ ފިޔަވަޅުތަކުގެ މުއްދަތު މުއްދަތު މިރެއަށް ހަމަވާނެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ, އަދިވެސް ކޭސްތައް މަދުކުރުމަށްޓަކައި އިތުރު އެއް ހަފްތާއަށް ފިޔަވަޅުތައް ތަންފީޒު ކުރުން ދިގު ދަންމާފައިވާ ކަމަށެވެ.
"އަދިވެސް ނިއު ނޯމަލްއަކަށް ދިޔުމަށްޓަކައި ޕޮޒިޓިވްވާ އަދަދު ދަށްކުރަން ޖެހޭކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ. ޓެގް ޓީމްގެ ލަފައާއެކު އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ އަޅާފައި ފިޔަވަޅުތައް [ތަންފީޒު ކުރާ މުއްދަތު] އިތުރު ކުރަން ޖެހޭ ކަމަށް," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ, ފިޔަވަޅުތަކަށް ލުޔެއް ދެވޭނީ އަދި އިތުރު ހަފްތާއަކަށް ބެލުމަށްފަހު ކަމަށެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަބާތީވެ, އެކަމަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތައް:
މާލެ ސީޓީގައި ހަވީރު 4:00 އިން ހެނދުނު 8:00 ކާފިއު, އެ ނޫން ވަގުތުގައި ހުއްދައާއެކު ބޭރުގައި އުޅުން.
- މިސްކިތުގައި ނަމާދު ކުރުން މަނާ.
- ރެސްޓޯރެންޓުގައި ކެއިންބުއިން މަނާ.
- ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހަމައެކަނި ހެނދުނު 8:00 އިން ހަވީރު 4:00އަކަށް.
- ޒަރޫރީ ބޭނުމެއް ނެތި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން.
- މޮނީޓަރިންގައި ހުރި ރަށްތަކުގައި ހަވީރު 4:00އިން 8:00އަށް ކާފިއު.
- ސަރުކާރު އޮފީސްތައް ބަންދު.
އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު ކޮވިޑް ފެތުރުން ވަނީ ކޮންމެވެސް ވަރަކަަށް ދަށް ކުރެވިފައި އެވެ. ކުރިން 1,000 އިން މަތީގައި ހުރި ކޭސްތައް މިހާރު އުޅޭނީ 500 ގައެވެ. އެގޮތުން އިއްޔެ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ, 552 މީހުންނެވެ. މިދިޔަ މަހު އެކަނި 88 މީހަކު ކޮވިޑްގައި މަރުވި އިރު, މިމަހު މިހާތަނަށް 27 މީހަކު ވަނީ މަރުވެފައެވެ.
މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ, ކޮވިޑް ފެތުރުން އިތުރުވީ އެޕްރީލް މަހު ދިން ލުއިތަަކުގެ ސަބަބުން ކަމަށް ވިދާލުވެފައެވެ.
އެޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އޭރު ބޮޑެތި ލުއިތަކެއް ދިނެވެ. އެގޮތުން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި ދީފައިވަނީ، މާލެއިން ވޯޓުލުމަށްޓަކައި ރަށްރަށަށް ދިޔުމުގެ ފުރުސަތު ދިނުމެވެ. އެއާއެކު ގިނަ ރަށްތަކަށް ބަލި މިހާރު ވަނީ ފެތުރިފައެވެ.