14 Feb 2012, 16:16
ޓްރިޕޮލީ (ފެބްރުއަރީ 14) : ލީބިޔާގެ ކުރީގެ ޒައީމް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރިއަރަން ފެށުމުގެ ކުރިން ލީބިޔާގައި ހިންގާފައިވާ ޖަރީމާތަކަށް އަފޫއާންމު ދިނުމުގެ ގާނޫނެއް އެގައުމުގައި ވަގުތީ ގޮތުން ވެރިކަންކުރާ ގައުމީ އިންތިގާލީ މަޖިލީހުން ފާސްކޮށްފި އެވެ.
ލީބިޔާގެ ގައުމީ އިންތިގާލީ މަޖިލީހުގެ ރައީސް މުސްތަފާ އަބްދުލްޖަލީލް ވިދާޅުވީ ގައްޒާފީގެ ވެރިކަމާދެކޮޅަށް ރައްޔިތުން އުތުރިއަރަން ފަށާފައި ވަނީ 17 ފެބްރުއަރީ 2011 ވަނަ ދުވަހު ކަމަށާއި އެދުވަހުގެ ކުރިން ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް މިއަފޫއާންމުގެ ދަށުން މައާފް ދެވޭނެ ކަމުގަ އެވެ. ނަމަވެސް ދައުލަތުގެ މުދަލުން ވައްކަންކުރުމާއި މީހުން މެރުމާއި ޒާތީ ގޮތުން ބަދަލު ހިފުމުގެ ޖަރީމާތައް މި އަފޫއާންމުގައި ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިގާނޫނު ފާސްކުރުމުގެ ބޭނުމަކީ މާޒީގެ ސަފްހާތައް ލައްޕާލައި ގައުމީ ސުލްހައިގެ ރިކޮންސިލިއޭޝަނެއްގެ ދަށުން ގިނަ ބަޔަކަށް މައާފްދީ ކުރީ ސަރުކާރުގެ މަސްއޫލުވެރިންނަށް ވެސް އަމާންކަމާއި ރައްކާތެރިކަން ހޯދައިދީ ބަދަލުހިފުމުގެ ވަބާއިން ލީބިޔާގެ މުޖްތަމައު ސަލާމަތްކުރުން ކަމަށް އަބްދުލް ޖަލީލު ވިދާޅުވި އެވެ.
ލީބިޔާގެ ސިވިލްސާވިސް މުވައްޒަފުންނާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ ގާތްގަނޑަކަށް 90% މީހުންނަކީ ގައްޒާފީގެ ދުވަސްވަރުގެ މީހުންނެވެ. އެމީހުންނާ ދެކޮޅަށް ބަދަލުހިފުމާއި އެމީހުން ވަޒީފާތަކުން ވަކިކުރުމާއި އެމީހުންނާ ދެކޮޅަށް އެކި މައްސަލަތަކުގައި ދައުވާތައް އުފުލުމަށް ގައްޒާފީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުނު ހަނގުރާމަވެރިންނާއި އެކްޓިވިސްޓުންގެ ތެރެއިން ހަރުކަށި ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ލީބިޔާގައި ގައުމީ ފެންވަރުގައި ރިކޮންސިލިއޭޝަނެއް ތަންފީޒު ނުކުރެވިއްޖެނަމަ ގައުމީ މަސްލަހަތަށް ނުރައްކާވެދާނެ ކަމަށް އެގައުމުގެ ކަމުވޮޝިގެންވާ ފަރާތްތަކުންވަނީ ގައުމީ އިންތިގާލީ މަޖިލީހަށް ލަފާދީފަ އެވެ.
ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން އުތުރިއަރަން ފެށުމުގެ ކުރިން ލީބިޔާގައި ހިންގާފައިވާ ޖަރީމާތަކަށް އަފޫއާންމު ދިނުމުގެ ގާނޫނެއް ފާސްކުރުމުގެ ބޭނުމަކީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި ސުލްހަ މަސަލަސްކަމާއި އިޖްތިމާއީ އަދާލަތު ގާއިމް ކުރުން ކަމަށް މުސްތަފާ އަބްދުލްޖަލީލް ވިދާޅުވި އެވެ. (އަލްޖަޒީރާ)