08 Jun 2021, 14:24
އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް އައްޔަންކުރި އައިމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ޝައުނާ އައްޔަންކުރީ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.
ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.
ކޮމިޓީ ރިޕޯޓު ތަޅުމުން ފާސްކޮށް، ޝައުނާއަށް ރުހުން ދިނުމަށް ނިންމީ އެކަމަށްޓަކައި މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓުންނެވެ. ޝައުނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ.
މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ.
މި ސަރުކާރުގައި އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ (ޓެކް މިނިސްޓްރީ) އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ހަވާލުކުރީ މިނިސްޓަރު ޝައުނާ އަށެވެ. އެއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީގެ ނަން، "މިނިސްޓަރު އޮފް އެންވަޔަރުމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ވަނީ ބަދަލުކޮށްފަ އެވެ.
ޝައުނާގެ އިތުރުން، ފިޝަރީޒް މިނިސްޓަރަކަށް އައްޔަންކުރި ޑރ. ހުސައިން ރަޝީދު ހަސަން އަށް ރުހުން ހޯދުމަށް ވެސް ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީން އަދި ނިންމައިފައެއް ނުވެ އެވެ.