08 Jun 2021, 11:25
އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ސްޓޫޑެންޓް ލޯނު ނަގާފައިވާ 15 ދަރިވަރެއްގެ ލޯނު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމާއި އެއްގޮތަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ދަށަށް އެ ދަރިވަރުންގެ ލޯނު ބަދަލުކުރުމުން ލޯނަށް އެއްވެސް އިންޓްރެސްޓެއް ދަރިވަރުން ދައްކާކަށް ނުޖެހޭނެ އެވެ. އަދި އެ ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ ހަ މަސްފަހުންނެވެ.
މީގެ ކުރިންވެސް މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭއޭއޭގައި ކިޔަވާ 96 ދަރިވަރެއްގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ބަދަލު ކޮށްފަ އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ އޭއޭއޭގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ބީއެމްއެލްގެ ސްޓޫޑެންޓު ލޯނުގައި ކިޔަވަމުންދާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭއޭއޭގައި ކިޔަވާ ދަރިވަރުންގެ ލޯނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައި ވަނީ އެތަނުގައި ކިޔަވާ ދަރިވަރުުންގެ ކިޔެވުން ފުރިހަމަ ނުވެ ދިގުލައިގެން ގޮސްފައިވާތީ އެވެ. ފްލަައިން ސްކޫލުގެ އިހުމާލު އެކަމުގައި އޮތް އިރު ސަރުކާރުން ވަނީ އެތަނުގެ ވެރިންނަށް ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އޭއޭއޭގެ ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ވަނީ ބާތިލުކޮށްފަ އެވެ.