08 Jun 2021, 09:31
އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގައި ދެމިހުންނަވާނެކަމަށް ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބު ރޭ ނިއުޔޯކްގައި އޮތް އިރު, އެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ފޮރިން މިނިސްޓަރު ޝާހިދެވެ. އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމައި ރަސޫލްއާ ވާދަކުރައްވައި ޝާހިދު މަގާމު ކާމިޔާބުކުރެއްވީ 191 ވޯޓުގެ 75 ޕަސަންޓު ތާއީދާއެކު އެވެ.
"ދުނިޔޭގެ އެންމެ މަތީ މަގާމު"
އިންތިހާބުގެ ކާމިޔާބަށްފަހު ރޭ "ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރައީސްކަމަކީ ދުނިޔޭގެ އެންމެ އިސް މަގާމު ކަމަށާއި އެ މަގާމުގައި ދިވެއްސެއް ހުރުމަކީ މީގެ ކުރިން ރާއްޖެއަށް ފަހިނުވާ އެތައް ފުރުސަތެއް ލިބުމަށް މަގުފަހިވުން ކަމަށެވެ.
"ރާއްޖެ އިންތިހާބުވެގެން މި ދިޔައީ ދުނިޔޭގެ އެންމެ މަތީ މަގާމަށް. އެ މަގާމުގައި ދިވެހިރާއްޖޭގެ މީހަކު ހުންނަ އިރު, އިހަށް ނުހުޅުވޭ ކިތަންމެ ދޮރެއް ހުޅުވިގެން ދާނެ....ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް އިހަށް ފޯނުން ޖަވާބު ނުލިބޭ ކިތަންމެ ދިމާލަކުން ފޯނުން ޖަވާބު ލިބޭނެ. ރާއްޖެއާ ދޭތެރޭގައި ފޯކަސްކުރެވި, ރާއްޖޭގެ ތަރައްގީއަށް ފުރުސަތުތައް ހުޅުވިގެން ދާލެއްވެސް އެތައް ގުނައަކަށް އިތުރުވެގެން ދާނެ," ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ނަން މެދުނުކެނޑި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިވޭނެ ކަމަށާއި މިއީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ ރާއްޖެ އިޝްތިހާރުވުމުގެ ފުރުސަތެއް ކަމަށްވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
"މިހާރުން މިހާރަށް މަސައްކަތް ފެށީ"
މީގެ ތިން މަސް ފަހުން ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާ އިރު ކުރިއަށް އޮތް އިންތިގާލީ މަރުހަލާގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރިކަމަށް ރޭ އދ. ގައި ތަގުރީރުކުރައްވަމުން އޭނާ ވިދާޅުވި އެވެ. އަދި ގަސްތުކުރައްވަނީ "މިހާރުން މިހާރަށް މަސައްކަތް ފަށައިގަންނަން" ކަމަށާއި މަގާމާ ހަވާލުވާންވާ އިރަށް މަސައްކަތްތައް ބާރަށް ހިނގައިގަނެވޭނެ ވަރު ކުރައްވާނެކަމަށް ޝާހިދު ރޭ އދ. ގައި ވިދާޅުވި އެވެ.
ނަމަވެސް ސެޕްޓެމްބަރުގައި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމުން ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރަން ގަސްދުކުރައްވާ ގޮތާމެދު ސުވާލުކުރުމުން ޝާހިދު ވިދާޅުވީ ދެ މަގާމު އެއްކޮށް އަދާކުރެވޭނެ ކަމަށެވެ.
"މީގެ ކުރިންވެސް އދގެ [އާންމު މަޖިލީހުގެ] ރައީސްކަން ކުރައްވާފައި އެބަ ތިއްބެވި ގައުމުގެ ހާރިޖީ ވަޒީރުން ވަޒީރުކަމުގައި ތިއްބަވައިގެން. އެހެންވީމަ އެގޮތަށް އަޅުގަނޑުވެސް މިކަން ގެންދިއުމަށް ގަސްތުކޮށްފައި އޮތީ," މިނިސްޓަރު ވިދާޅުވި އެވެ.
ސެޕްޓެމްބަރުގައި ފަށާ 76 ވަނަ އާންމު މަޖިލީހުގެ އެއް އަހަރުގެ ދައުރުގައި ޝާހިދުގެ އަރިހުގައި މަސައްކަތްކުރާނެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ޓީމު ވާނީ އެކި ފަންތީގެ އެކި ގައުމުތަކުގެ މައްޗަށް އެކުލެވޭ, ޖެންޑާ-ބެލެންސްޑް ޓީމަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަންހެން އަދި ފިރިހެން ބޭފުޅުން ހަމަހަމަކޮށް އޮންނާނެކަމަށް ވާނީ ވައުދުވެފައި. އަދި އދ. ގައި ހިމެނޭ ޖޯގްރަފިކް ގްރޫޕުތައްވެސް ހަމަހަމަކުރެވޭނެކަމަށް އޮންނާނީ ބުނެފައި. އަދި އެނޫން ގޮތްގޮތުންވެސް, ކުދި އަދި ބޮޑެތި ގައުމުތަކާއި, ތަރައްގީވަމުން އަންނަ ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކާ, މި ހަމަހަމަކަންވެސް އޮންނާނެ. ޓީމުގައި ހިމެނޭނީ އެގޮތަށް ގައުމުތަކުން ހޮވާލެވޭ ބަޔަކު," ޝާހިދު ވިދާޅުވި އެވެ.