އަމީރު އަހުމަދު ޕްރީސްކޫލު ހިންގާ ބިން 35 އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެ ބިން އެޑިއުކޭޝަނަށް ދޫކުރަން ނިންމީ އެޑިއުކޭޝަން މިނިސްޓްރީއާއި ރައީސް އޮފީހުގެވެސް އެދުމުގެ މަތިން ކަމަށެވެ.

އެ ބިން ދޫކުރަން ނިންމީ ތައުލީމުދޭ މުވައްސަސާއެއް ހިންގުމަށްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން އާންމުންނަށްވެސް ލުއިފަސޭހަ ވާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ތުއްތު ކުދިންނާ، ސްކޫލަށް ދާ ކުދިން، ހާއްސަކޮށް އަމީރު އަހުމަދު ސްކޫލާ ހެންވޭރު ޕްރީސްކޫލުގައި ތިބި ދަރިވަރުން އަދި އާއިލާތަކަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް މައްސަލަ އެއްމިއީ. އެހެންވެ މިއަދު ކައުންސިލުގެ އިއްތިފާގުން މިއަދު ނިންމީ އެޑިއުކޭޝަނުން އެދިފައިވާ ގޮތަށް އަދި ރައީސް އޮފީހުން އެދިފައިވާ ގޮތަށް 35 އަހަރު ދުވަހަށް އެ ބިން ތައުލީމީ މުވައްސަސާ އެއް ހިންގަން ދިނުމަށް،"

އަމީރު އަހުމަދު ހިންގާ ބިމުގެ މައްސަލަ އަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމަށާއި އެ ބިން އެޑިއުކޭޝަނަށް ދޫކުރަން ނިންމުމުން އާންމުންނަށްވެސް ލުއިފަސޭހަ ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަމީރު އަހުމަދު ހިންގާ ބިމާއި ހެންވޭރު އަވަށު އޮފީހުގެ ބިމުގައި މިހާރުވެސް އަމީރު އަހުމަދު ޕްރީސްކޫލުގެ އިތުރުން ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު ހިންގަ އެވެ. އެ ދެ ތަން ހިންގަނީ އައިލެންޑާސް އެޑިއުކޭޝަނުންނެވެ.