އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު މާލޭގައި ޔަމަނުގެ އަލް ތިލާލާ ދެކޮޅަށް ވިކްޓަރީ ކުޅޭ މެޗުގައި ޓީމަށް ސަޕޯޓްކުރުމަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ގޮސް، ޓީމަށް ސަޕޯޓް ކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވިކްޓްރީގެ މެނޭޖަރު އަހުމަދު އަޔާޒު (އަޔާ) ބުނެފި އެވެ.

ސަން އޮންލައިނަށްދިން އިންޓަވިއުގައި އަޔާ ބުނީ، ކުރިން ޔަމަނުގައި ކުޅުމަށް ހަމަޖެހުނު މެޗު މާލޭގައި ކުޅޭގޮތަށް އޭއެފްސީއިން ބަދަލުކުރުމުން ޓީމަށް އިތުރު ހިތް ވަރެއް ލިބިފައިވާއިރު، އަމިއްލަ ގައުމުގައި ބޭރުގެ ޓީމަކާއެކު ކުޅެ މޮޅުވުމަކީ ގައުމަށް ވެސް ލިބޭނެ ރީތި ނަމެއް ކަމަށެވެ. އަދި މެޗް އަމިއްލަ ގައުމުގައި ކުޅޭގޮތަށް ބަދަލުކުރުމުން މުބާރާތުގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ވިކްޓަރީ އަށް އޮތް ފުރުސަތު ބޮޑުވެފައިވާ ކަމަށާއި އެފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް އަޔާ ބުންޏެވެ.

"އަމިއްލަ ގައުމުގައި މެޗުކުޅުމަށް ފުރުސަތު ލިބުމަކީ މުބާރާތުގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ލިބުނު ބޮޑު ފުރުސަތެއް. ހޮނިހިރު ދުވަހުގެ ހަވީރު ދަނޑަށް އައިސް ވިކްޓަރީއަށް ސަޕޯޓް ކުރުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް،" އަޔާ ބުންޏެވެ.

އަޔާ ބުނީ، މުބާރާތަށް ކޮލިފައިވުމަށް އެންމެ މެޗެއް ވިކްޓަރީ ކުޅެންޖެހޭއިރު، މާލޭގައި ކުޅޭ މެޗުން މޮޅުވުން ވިކްޓަރީއަށް މުހިންމު ކަމަށެވެ.

"މާލެގައި ކުޅޭ މެޗުން މޮޅުވުން މުހިންމު. މެޗުން މޮޅުވެއްޖެނަމަ ކޮލިފައިވާނެ. ދެންދާނީ ގުރޫޕް އީ ފަޅިއަށް އެއީ ވަރުގަދަ ޓީމްތަކެއް ހިމެނޭ ފަޅިއެއް،" އަޔާ ބުންޏެވެ.