12 Jul 2010, 15:41
19:00
ކޮންމެ ދިވެއްސަކަށް ވެސް އެމީހަކު ހުރި ކޮންމެ ތަނަކުން ވޯޓު ލެވޭގޮތަށް އިސްލާހް ގެނައުމަށްފަހު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު އިސްލާހު ގެނައުމަށްފަހު ފާސްކޮށްފި އެވެ.
މެއި މަހުގެ ހަތަރު ވަނަ ދުވަހު މި ބިލު މަޖިލީހުން ފާސްކުރައްވައި ތަސްދީގު ކުރެއްވުމަށް ރައީސް ނަޝީދުގެ އަރިހަށް ފޮނުއްވި ނަމަވެސް، ލޯކަލް އިންތިހާބުގައި ވޯޓުލެވޭނީ އެމީހަކު ދިރިއުޅޭ ރަށަކުން ކަމަށް، ބިލުގައި ބުނެފައި ވާތީ، އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ މާއްދާއާއެކު ހަތަރު މާއްދާއެއް އިސްލާހް ކުރެއްވުމަށް އެދިވަޑައިގެން، މެއިމަހުގެ ސަތާރަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު ބިލު އަލުން މަޖިލީހަށް ފޮނުއްވައިލެއްވި އެވެ. އެކަމާ ގުޅިގެން، މަޖިލީހުގެ އެގާރަ މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވައިގެން ދިރާސާކޮށް ވަނީ އިސްލާހް ގެނެސްފަ އެވެ.
މިއަދުގެ ޖަލްސާގައި، އެމްޑީޕީން ހުށަހެޅި ހަ އިސްލާހް ފެއިލްކޮށްލުމަށްފަހު، އެ ކޮމިޓީން އިސްލާހް ގެނަސްފައިވާ ގޮތަށް ބިލު ފާސްކުރައްވާފައި ވަނީ، ހާޒިރުވެވަޑައިގެން ތިއްބެވި 73 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އެގޮތަށް ބިލު ފާސްކުރަން ނުފެންނަ ކަމަށް، 26 މެންބަރުން ވޯޓު ދެއްވި އެވެ.
މިބިލު ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު، ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ، ބިލުގެ ހަތަރު މާއްދާއަކަށް އިސްލާހް ގެނައުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވާފައި ވީ ނަމަވެސް، ކޮމިޓީން އިސްލާހް ގެނައީ ދެ މާއްދާ އަކަށް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެއްވީ، އަނެއް ދެ މާއްދާއަށް އިސްލާގް ގެނެވޭނީ، މިހާރު އަމަލު ކުރަމުންދާ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނަސްގެން ކަމަށް ކޮމިޓީގެ އަގްލަބިއްޔަތުން ފާސްވުމުން ކަމަށް ވެސް މުޖުތާޒު ވިދާޅުވި އެވެ.
މި ބިލަށް ބަހުސް ކުރުމަށް ހުޅުވާލެއްވި ފުރުސަތުގައި، އެމްޑީޕީގެ މެންބަރުން، ބިލަށް ހުށަހެޅުއްވި އިސްލާހްތައް ފާސްނުވުމުގެ އިތުރުން، ބިލުގެ އިތުރު މާއްދާތަކަށް އިސްލާހް ގެނަސްފައިނުވާތީ، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މެޖޯރިޓީ ކަމުގައިވާ، އިދިކޮޅު މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ބިލު ފޮނުވާލެއްވިއިރު ފާހަގަކުރެއްވި މައްސަލަތައް ހައްލުވެފައިނުވާ ކަމަށް ވިދާޅުވެ ބިލު ތަސްދީގު ނުކުރެއްވުމަށް ވެސް އެ މެންބަރުން ރައީސް ނަޝީދަށް ގޮވައިލެއްވި އެވެ.