މަޝްހޫރު ލަވަކިޔުންތެރިޔާ ލިއަމް ޕޭން, 27، އެންގޭޖްމަންޓް ރޫޅާލައިފައިވާކަން ހާމަކޮށްފި އެވެ.

މީގެ 10 މަސް ކުރިން ލިއަމް އާ އޭނާގެ ލޯބިވެރިޔާ މަޝްހޫރު މޮޑަލް މާޔާ ހެންރީ 21، އެންގޭޖްވި އިރު މި އެންގޭޖްމެންޓް ރޫޅާލިކަން އިއުލާންކުރީ ލިއަމް އެވެ. އެންގޭޖްމެންޓްް ރޫޅާލުމަށް ފަހު ލިއަމް ބުނީ އޭނާގެ ފަރާތުން އެހެން މީހުންނަށް ގެއްލުން ލިބޭތީ އަމިއްލަ ނަފްސު ދެކެ މިހާރު ފޫހިވާކަމަށާއި އޭނާ އަކީ އެއް އިރެއްގައި ވެސް ލޯބީގެ މައިދާނުގައި މާ ކާމިޔާބު މީހެއް ނޫންކަމަށެވެ.

އިތުރު އެހެން ގުޅުމަކަށް ދިޔުމުގެ ކުރިން ވަރަށް ބައިވަރު ކަންތައް ކުރަން ޖެހޭ ކަމަށާއި ފުރަތަމަ ކަމަކަށް އެންމެ އިސްކަމެއްދޭނީ އަމިއްލަ ނަފްސަށް ކަމަށާއި މާޔާ އާ ގުޅިގެން އުޅުނުއިރު އޭނާ އަށް އަޅާނުލެވޭ ކަމަށެވެ. އެހެންވެ މާޔާ އާ ނުލާ އުޅުމަކީ މިވަގުތަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ވެސް ލިއަމް ވަނީ ބުނެފަ އެވެ. އަދި އުންމީދަކީ މާޔާ ވެސް އުފަލުގައި ހުރުން ކަމަށް ލިއަމް ވަނީ ބުނެފައެވެ.

ލިއަމް އާއި މާޔާ ގުޅުނީ 2018 ވަނަ އަހަރުގަ އެވެ. ދެތަރިން 2019 ވަނަ އަހަރު ގުޅުނު ނަމަވެސް އެކުގައި އުޅޭކަން ހާމަކުރީ މިދިޔަ އަހަރު އެވެ.

ވަން ޑިރެކްޝަން އިން ބޮޑު މަގްބޫލު ކަމެއް ހޯދި ލަވަކިޔުންތެރިޔާ ލިއަމްގެ ފިރިހެން ދަރިއަކު ވެސް ހުރެ އެވެ. ބެއާ ގްރޭ ޕޭންގެ ނަމުން ނަންދީފައިވާ އެ ކުއްޖާ އަކީ ލަވަކިޔުންތެރިޔާ ޝާލް އޭން އާ ލިއަމް އަށް ލިބުނު ދަރިއެކެވެ.