07 Jun 2021, 21:47
އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދޭނީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކަމަށާއި ވެކްސިންގެ ހަމަހަމަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެެއްޖެ އެވެ.
އދ.ގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ކާމިޔާބު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަލިމަޑުކަމުން އަރައިގަތުމަށް މިހާރު ވެސް ރާވާފައިވާ ހުރި ކަންތަކަށް އިސްކަންދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކޮށް، އިގްތިސޯދުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރއްވާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެނަށް ވެކްސިން ހަމަހަމަކަމާ އެކު ލިބޭނޭ މަގު ގާއިމްކުރުމުގެ މަސައްކަތް ކުރާނަން. މުޅި ދުނިޔެ ވެކްސިނޭޓް ކުރަން ޖެހޭ. ހުރިހާ މީހުންނަށް ރައްކާތެރިކަން ލިބެންދެން އެއްވެސް މީހަކީ ސަލާމަތްކަން ލިބިފައިވާ މީހެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އދ.ގެ އާންމު މަޖިލީހުން 76 ވަނަ ސެޝަނާ ކުރިމަތިލާއިރު ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. މިދިޔަ އަހަރަކީ ނުތަނަވަސްކަމާއި، އުއްމީދު ގެއްލިފައިވާ އަހަރެއްގެ ގޮތުގައި ސިފަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ހަމަހަމަކަން ގެއްލި ބޭއިންސާފާއި ހަމަނުޖެހުން އިތުރުވެފައިވާ ކަމަށެވެ.
"ނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ އަނެއްކާ ވެސް ތެދުވެ މަސައްކަތް ފަށައިގަންނަށް. މުޖުތަމައުތައް އަލުން ބިނާކޮށް، ދުނިޔެ ސަލާމަތަށް މަސައްކަތް ކުރަން މަސައްކަތް ކުރަންޖެހޭ. އިގްސާދުތައް އަނބުރާ އިއާދަކުރަން ޖެހޭ. އަދި ހަމަ އެހެންމެ، ހާއްސަ ކަމެއް ދީގެން އުންމީދު އާކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ތަފާތު އާ ނޯމަލް އަކާ ދިމާލަށް މިސްރާބު ޖަހަންޖެހޭ ކަމަށާއި ދަތުރު ހޭރިޔާ ކޮށްފައި ހުރީ އެ އުންމީދާ ދިމާއަށް ކަމަށެވެ.
މިނިސްޓަރު ޝާހިދު، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.
އެ އިންންތިހާބުގައި ވާދަކުރެއްވީ މިނިސްޓަރު ޝާހިދުގެ އިތުރުން އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.