07 Jun 2021, 20:41
އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގެންފިއެވެ.
މިރޭ ރާއްޖެ ގަޑިން 7:00 ގައި ފެށި އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ބޭއްވި އިންތިހާބުގައި ވާދަކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ.
މިނިސްޓަރު ޝާހިދަށް ލިބިވަޑައިގަތީ 191 ވޯޓުގެ ތެރެއިން 143 ވޯޓުންނެވެ.
ޝާހިދުއާ ވާދަކުރެއްވި އަގްފާނިސްތާނުގެ ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.
އދގެ އާންމު މަޖިލީހުގެ 76 ވަނަ މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މިނިސްޓަރު ޝާހިދު އދގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖެއަށް ވަރަށް ބޮޑު ފަޚުރެއް ކަމަށާއި އދގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައި ދިވެހިރާއްޖެ ފަޚުރުވެރިކޮށްދޭނެ ހިދުމަތްތަކެއް ޝާހިދު ކުރައްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އދގައި މިރޭ ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި، މި ކާމިޔާބީން ހާމަވެގެން ތިޔައީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިތުބާރު ރާއްޖެއަށް ލިބި، ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާކަން ކަމަށެވެ.
"[ސާބިތުވަނީ] ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުން ދާކަން. ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެއިން ގަބޫލުކޮށްފައިވާކަން،" ތަގުރީރުގެ ފައްޓަވަމުން ދިވެހި ބަހުން އދގެ މަޖިލީހަށް ހާޒިރުވެ ތިބި ޑިޕްލޮމެޓުންނާ މުހާތަބުކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު އަބްދުالله ޝާހިދު އދގެ އާންމު މަޖިލީހުގެ ރައީސްކަމާ ކުރިމަތިލެއްވީ މައިގަނޑުފަސް ކަމެއް ހިމެނޭ އެޖެންޑާއަކާއެކުގައެވެ. އެ ފަސް ކަމަކީ:
ކޮވިޑް19 އިން އަރައިގަތުން
- ކޮވިޑަށްފަހު ދެމެެހެއްޓެނިވި ގޮތުގައި ދުނިޔެ ބިނާކުރުން
- ދުނިޔޭގެ ގުދުރަތީ މާހައުލުތަކަށް އިޖާބަދިނުން
- އެންމެންގެ ހައްގުތަކަށް ކަމޭހިތުން
- އދގެ ހިންގުން ވަރުގަދަކުރުން
މިއީ ރާއްޖެއިން އދގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އދގެ އާންމު މަޖިލީހުގެ ރައީސްކަން އަދާކުރާ ސާކްގެ ހަވަނަ ގައުމެވެ. ސާކްގެ ގައުމުތަކުގެ ތެރެއިން އދގެ އާންމު މަޖިލީހުގެ ރައީސްކަން މިހާރު އަދާނުކޮށް އޮތީ ރާއްޖޭގެ އިތުރުން ނޭޕާލް އަދި ބޫޓާނެވެ.