14 Feb 2012, 15:38
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ގާނާގެ ތިން ކުޅުންތެރިއަކު އަންނަ ހޮނިހިރު ދުވަހު ވިޔަންސާއާ ގުޅޭނެ ކަމަށް އެ ޓީމްގެ ޗެއާމަން މުހައްމަދު ވިސާމް ބުނެފި އެވެ.
ވިސާމް ބުނީ، ހޮނިހިރު ދުވަހު ޓީމާ ގުޅޭ ގާނާގެ ތިން ކުޅުންތެރިންނަކީ ޑިފެންޑަރަކާއި ފޯވާޑެއްގެ އިތުރުން މިދިޔަ އަހަރު ވެސް އެ ޓީމުގައި ހުރި ބިދޭސީ ގޯލްކީޕަރެވެ. އަދި މިފަހަރުގެ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުން ފަށާފައިވާ ފަރިތަކުރުން ތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މިވަގުތު ޓީމުގައި ރަނގަޅު ސްކޮޑެއް އެބޮތް ކަމަށް ވިސާމް ވިދާޅުވި އެވެ.
"ޓީމުން ގެންނަން މަސައްކަތް ކުރި ގާނާގެ ތިން ކުޅުން ތެރިން އަންނަ ހޮނިހިރު ދުވަހު ޓީމާ ގުޅޭނެ. މިވަގުތު ޓީމުގެ ސްކޮޑުގައި 25 ކުޅުންތެރިން އެބަތިބި. ސްކޮޑާ މެދު ހިތް ހަމަޖެހޭ" ވިސާމް ވިދާޅުވި އެވެ.
ހަފްތާއެއްހާ ދުވަހު އަމިއްލަ ކަމެއްގައި ރާއްޖެއިން ބޭރުގައި އުޅެފައި އިއްޔެ މާލެއާ ވިޔެންސާގެ ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނީ ބުނީ، މިއަހަރުގެ ސީޒަނާ ވިޔެންސާއިން ކުރިމަތިލާނީ ހުސްވި އަހަރުގެ ނަތީޖާ ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައަޅައިގެން ކަމަށާއި އެގޮތުން މިފަހަރުގެ ފުރަތަމަ އަމާޒަކީ ގަދަ ހައެއްގެ ޖާގަ ހޯދުން ކަމަށެވެ.
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލިއިރު، ވިޔަންސާ އޮތީ ސީޒަންގެ އެންމެ ފުލުގައެވެ.
"މިވަގުތު ޓީމާ ގުޅިފައިވާ އާ ކުޅުންތެރިންގެ ކުޅުމާމެދު ހިތް ހަމަޖެހޭ. ޖުމްލަކޮށް ސްކޮޑާ މެދުވެސް ހިތް ހަމަޖެހޭ. ރަނގަޅު ކުޅުންތެރިންތަކެއް ސްކޮޑުގައި އެބަތިބި. ސީޒަންގެ ފުރަތަމަ އަމާޒަކީ ގަދަ ހައެއްގެ ޖާގަ ކަށަވަރު ކުރުން" ފެސްކޯ ބުންޏެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ މާޗު މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ދެ ކުލަބްކަމަށްވާ ވީބީ އާއި ވިކްޓަރީގެ މެޗުންނެވެ.