ތެހެރާން (ޖޫން 7) : މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އީރާނުގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ރިޔާސީ ފުރަތަމަ ބަހުސް (މުނާޒަރާ)ގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށާ އަދި މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީއަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވައިފި އެވެ.

މި އިންތިޚާބުގައި ހަތް ބޭފުޅަކު ވާދަކުރައްވާ އިރު އެ ހަތް ބޭފުޅުން ވެސް ނިސްބަތްވަނީ ސިޔާސީ ކޮންޒަވެޓިވް ވިސްނުމަށެވެ. އީރާނުގެ ސިޔާސީ މަސްރަހުގައި އޮންނަ މައިގަނޑު ދެ ފިކުރަކީ ގައުމީ އިސްލާހީ ފިކުރާއި ވަތަނީ ކޮންޒަވެޓިވް ފިކުރެވެ. އީރާނުގައި ކުރިން ސިޔާސީ ޕާޓީތައް އޮތްކަމަށް ވިޔަސް ސިޔާސީ ޕާޓީތަކުގެ ވާދައިގެ ސަބަބުން ގައުމުގެ މަސްލަހަތު ގެއްލޭތީ 1990ގެ މެދުތެރޭގައި އީރާން ވަނީ ސިޔާސީ ޕާޓީތައް ނެތް ޑިމޮކްރަސީ އަކަށް ސިޔާސީ ނިޒާމު ބަދަލު ކޮށްފަ އެވެ.

މިހާރު އީރާނުގެ ވެރިކަމުގައި ހުންނެވި ޑރ. ހަސަން ރޫހާނީއަކީ މީގެ ތެރެއިން ގައުމީ އިސްލާހީ ފިކުރަށް ނިސްބަތްވާ ބޭފުޅަކަށްވާ އިރު ކުރީގެ ރައީސް ޑރ. އަހްމަދީ ނެޖާދް އަކީ ވަތަނީ ކޮންޒަވެޓިވް ފިކުރަށް ނިސްބަތްވާ ބޭފުޅެކެވެ. މިދެ ފިކުރުގެ ބޭފުޅުންގެ ސިޔާސަތުގައި ބައެއް ތަފާތުތައް ހުރެއެވެ. ނަމަވެސް އީރާނަކީ ވަކިވަކި ފަރުދުންނާއި ވަކިފިކުރުތަކަށް ވުރެ ޑިމޮކްރެޓިކް މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކާ އަދި އިސްލާމީ ފިކުރުގެ އަސްކަރީ އަގީދާ (މިލިޓަރީ ޑޮކްޓްރިން) އެއްގެ މައްޗަށް ބިނާކޮށްފައިވާ ޖުމްހޫރީ ނިޒާމެއްކަމުން ރައީސުލް ޖުމްހޫރިއްޔާ އާއި ދީނީ މުރުޝިދު ނުވަތަ ރޫހީ ލީޑަރު ބަދަލުވިޔަސް އީރާނަކީ އެގައުމުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކަށް މާބޮޑު ބަދަލުތަކެއް ނާންނަ ގޮތަށް ބައްޓަންކޮށްފައިވާ ގައުމެކެވެ.

އީރާނުގެ ރިޔާސީ ކެންޑިޑޭޓުން

ކުރީގެ ހަރުކަށި ރައީސެއްގެ ގޮތުގައި ބެލެވުނު ޑރ. އަހްމަދީ ނެޖާދަކީ ކޮންޒަވެޓިވް ވިސްނުމުގެ ބޭފުޅެއްކަމަށް ވުމުން އޭނާގެ ވެރިކަމުގައި އީރާނުގެ ބަސްމަގު ވަރަށް ހަރުކައްޓެވެ. ނަމަވެސް އަމަލީ ގޮތުން އީރާން ގެންގުޅޭ ސިޔާސަތުތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެ އެވެ. އިތުރު ހަރުކަށި އަމަލެއް ހިންގާފައެއް ނުވެ އެވެ.

މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީ އަކީ އިސްލާހީ ފިކުރަށް ނިސްބަތްވާ ބޭފުޅަކަށްވާތީ އޭނާގެ ވެރިކަމުގައި އީރާނުގެ ސިޔާސީ ބަސްމަގު ވަރަށް ފިންޏެވެ. ވަރަށް ޑިޕްލޮމެޓިކް އެވެ. ނަމަވެސް އަމަލީ ގޮތުން އީރާނުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުގައި ގެންގުޅޭ މައިގަނޑު އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސް ފައެއް ނުވެ އެވެ. އެމެރިކާއާއި ޔޫރަޕަށް ކުޑަވެސް ދުލެއް ނުދެއެވެ. ނަމަވެސް ހިންގުމުގެ ހުނަރުތައް ހުންނަ މިންވަރަކުން ތަރައްގީ ހާސިލްކުރާ މިންވަރާއި ގައުމު ކުރިޔަށްދާ މިންވަރު ދެބޭފުޅުންގެ ވެރިކަމުގައި ތަފާތުވެފައިވެ އެވެ.

އީރާނުގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ހަތް ކެންޑިޑޭޓުންނަކީ ވެސް ކޮންޒަވެޓިވް ފިކުރުގެ ތަޖްރިބާހުރި ހަރުކުލައިގެ ކެންޑިޑޭޓުންނެވެ. މީގެތެރޭގައި ރިޓަޔާ ކޮށްފައިވާ ކުރީގެ އަސްކަރީ ޖެނެރަލުންނާއި އިގްތިސާދީ ތަޖްރިބާކާރުންގެ އިތުރުން ގާނޫނީ މާހިރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިދިޔަ އާދިއްތަ ދުވަހު އީރާނުގައި ބޭއްވި ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވީ ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވާ އެންމެ މަގްބޫލު ފަސް ކެންޑިޑޭޓުންނެވެ. ދެ ކެންޑިޑޭޓަކު ބައިވެރިވެފައެއް ނުވެ އެވެ.

މި ފަސް ކެންޑިޑޭޓުން ވެސް ވަނީ އީރާނުގެ މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޚާއްސަކޮށް ގައުމުގެ އެތެރޭގެ އަމަން ބެލެހެއްޓުމުގައި ދޯދިޔާވުމާއި ހިންގުން ދޯހަޅިވުން ފަދަ ކަންކަން ފާހަގަކޮށް މިހާރުގެ ރައީސް ޑރ. ޙަސަން ރޫޙާނީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރޫހާނީ އަށް ފާޑު ވިދާޅުވަމުން ރިޔާސީ ކެންޑިޑޭޓެއް ކަމަށްވާ އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޢަބްދުއްނާސިރު ހިންމަތީ ވިދާޅުވީ އީރާނާއި ހުޅަނގުގެ ޤައުމުތަކުގެ ގުޅުންތައް އިތުރަށް ގޯސްވެގެންދިޔައީ ރޫހާނީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންކަމަށާ ރޫހާނީގެ ވެރިކަމުގައި އީރާނަށް ކުރިމަތިވި އިގްތިސާދީ މައްސަލަތައް އިތުރުވެ ރައްޔިތުން އުފުލަންޖެހުނު ތަކްލީފު ބޮޑުވެފައިވާކަމުގަ އެވެ.

ރިޔާސީ އެހެން ކެންޑިޑޭޓެއް ކަމަށްވާ މުޙްސިން މަހްރު ޢަލީޒާދާ ވަނީ އިދާރީ ތައުލީމާއި ދީނީ ތައުލީމު ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުން ރޫހާނީގެ ސަރުކާރުގައި ގިނަކަމަށް ތުހުމަތު ކުރައްވައި ދީނީ އިލްމުވެރިން ސަރުކާރުގެ ކުރީ ސަފަށް ލައިގެން އީރާންފަދަ ހުޅަނގުގެ ފިއްތުންތައް ބޮޑު އަދި ބިޔަ ގައުމެއްގެ އިގްތިސާދު މިފަދަ ގޮންޖެހުން ބޮޑު ދުނިޔެއެއްގައި މެނޭޖް ކުރެވިދާނެތޯ ސުވާލު އުފައްދަވާފަ އެވެ.

މިއީ ރޫހާނީ އާއި އޭނާގެ ޚާރިޖީ ޓީމަށް ކުރެއްވި އިޝާރާތެއް ކަމަށްވަނީ ބެލެވިފަ އެވެ. އީރާނުގެ މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީއަކީ ދީނީ އިލްމުވެރިއެއް ނަމަވެސް އޭނާއަކީ އިނގިރޭސިވިލާތުން ގާނޫނީ ރޮނގުން މަތީ ތައުލީމް (ޕީއެޗްޑީ) ހާސިލް ކުރައްވައިގެން ހުންނެވި ޒަމާނީ ތައުލީމުގެ ވެސް ބޭފުޅެކެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް އަކީ އެމެރިކާއިން ޕިއެޗްޑީ ހައްދަވައިގެން ހުންނެވި ޒަމާނީތައުލީމުގެ ބޭފުޅެކެވެ.

މަހްރު ޢަލީޒާދާ ވިދާޅުވިގޮތުގައި ރޫހާނީގެ ވެރިކަމުގައި އީރާނުގައި އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އަތްނުފޯރާ ފަށަށްގޮސް ފައިސާގެ އަގު ވެއްޓިގެން ދިޔައީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނޫންކަމާއި އެއީ ރޫހާނީއާއި އޭނާގެ ބައިވެރިންނަށް ސަރުކާރު ހިންގަން ނޭނގި އިގްތިސާދު މެނޭޖް ނުކުރެވުމުގެ ސަބަބުންކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ރިޔާސީ އެންމެ ވަރުގަދަ ކެންޑިޑޭޓްގެ ގޮތުގައި ސިފަކުރެވޭ އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ކުރީގެ ޗީފް އޮފް ސްޓާފް އަދި ޖެނެރަލް ކޮމާންޑަރު މޭޖާ ޖެނެރަލް ރިޓަޔަޑް މުހްސިން ރިޒާއީ ވަނީ އީރާނުގެ މަރުކަޒީ ބޭންކްގެ ކުރީގެ ގަވަރުނަރު އަދި އޭނާއާއެކު ރިޔާސީ ބަހުސުގައި ބައިވެރިވެވަޑައިގަންނަވާ ރިޔާސީ ކެންޑިޑޭޓް ޢަބްދުއްނާސިރު ހިންމަތީ އަށްވެސް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. މިގޮތުން ހިންމަތީ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަގާމުގައި ހުންނެވިއިރު އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހިންމަތީ މުއާމަލާތްކުރެއްވި ކަމަށާ އެއީ ގައުމަށްވީ ޚިޔާނާތެއް ކަމަށް ސިފަކުރައްވާފަ އެވެ.

ވަކި ފަރުދުންތަކުގެ ބަދަލުގައި ޑިމޮކްރެޓިކް މުއައްސަސާތަކެއް މައްޗަށް ބިނާވެފައިވާ އީރާނުގެ ބާރުތައް އޮންނަނީ މައިގަނޑު ހަތަރު ފަރާތަކަށް ބެހިފައެވެ. ތަންފީޒީ ބާރުތައް އޮންނަނީ ދީނީ މުރުޝިދު (ރޫހީ ލީޑަރު) އާއި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބެހިފަ އެވެ. ގާނޫނު ހެދުމުގެ ބާރު އޮންނަނީ ޕާލަމެންޓަށެވެ. ޝަރުއީ ބާރުތައް އޮންނަނީ ކޯޓުތަކަށެވެ. އީރާނުގައި އޮންނަނީ ހިފެއްޓިފައިވާ ޑިމޮކްރަސީއެކެވެ. ހުޅަނގުގައި އޮންނަ ބާވަތުގެ ވީއްލިފައިވާ ޑިމޮކްރަސީއެއްނޫނެވެ. އީރާނުގެ ރިޔާސީ އިންތިޚާބުގެ ކުރިން އިތުރު ދެބަހުސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އީރާނާ މުއާމަލާތް ކުރުމުގައި އެމެރިކާއާއި ޔޫރަޕަށް ވެސް އުނދަނގޫވެގެން އުޅެނީ އީރާނަކީ ހުޅަނގުގެ ޑިމޮކްރަސީގެ ބައްޓަމުގެ ގައުމަކަށް ނުވިނަމަވެސް އީރާނަކީ މުއައްސަސާތަކުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީއަކަށް ވެފައި އެގައުމުގެ ވެރިކަމުގެ ބާރުތައް އެތައް މުއައްސަސާތަކެއްގެ މައްޗަށް ބެހިފައިވާތީ އެވެ. ސައްދާމް ހުސައިން ފަދަ އަރަބި އޮޓެކްރޭޓުން ހެދި ފަދަ ސިޔާސީ ގޯސްތައް އީރާނުން ނުހަދަނީވެސް ޗެކްއެންޑް ބެލެންސް އޮވެފައި އީރާނަކީ ވަކި އޮތެކްރެޓިކް ފަރުދެއްގެ ބަދަލުގައި މުމައްސަސާތަކުގެ ގައުމަކަށްވާތީ އެވެ.