ފައިނޭންސިން ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

އަލަށް ގެނައި ބަދަލާއެކު މިހާރު ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ އެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް މުސާރައިގެ ފަސްގުނައާ ހަމަޔަށް ފައިނޭންސިންއަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ފައިނޭންސިންއަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެ އެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެންގޮސްފައި." އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ އެވެ. އެގޮތުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީ-މެއިލްއަކުން[email protected]އަށް އީމެއިލް މެދުވެރިކޮށްވެސް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.