14 Feb 2012, 15:36
އަންނަ މާޗު މަހުގެ 19 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ޏ. ފުވައްމުލަކުގައި ބާއްވަން އެތުލެޓިސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ، މި އަހަރުގެ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ފުވައްމުލަކުގައި ބާއްވަން ނިންމާފައިވާ އިރު، މުބާރާތުގައި ބައިވެރިވާ އެތުލެޓިސް އެސޯސިއޭޝަންގެ މެންބާ ކުލަބްތަކަށް މިހާރު ވަނީ ދައުވަތު ދީފައި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ބައެއް ސްކޫލްތަކަށް ވެސް ދައުވަތު އަރުވާފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
"މުބާރާތުގައި ބައިވެރިވުމަށް އެދި އެސޯސިއޭޝަންގެ މެންބާ ކުލަބްތަކަށް މިހާރު ވާނީ ދައުވަތު ދީފައި. ސުކޫލްތަކަށް ވެސް ދައުވަތު އަރުވާފައިވާނެ. އަޅުގަނޑުމެން ދައުވަތު ފޮނުވި ސުކޫލްތަކަކީ މައިގަނޑު ގޮތެއްގައި މުބާރާތުގައި ބައިވެރިވާ ސުކޫލްތަކަށް. އުތުރުގެ ސުކޫލްތަކަށް ވެސް ދައުވަތު އަރުވާފައި ވާނެ،" ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވިދާޅުވީ، މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕަކީ އާންމުކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެއް ކަމަށާއި އެގޮތުން މިފަހަރުގެ މުބާރާތް ފުވައްމުލަކުގައި ބާއްވަން ނިންމީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުބާރާތް ބޭއްވުމުގެ ގޮތުން ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ފުވައްމުލަކުގައި ބޭއްވެނީ އެ ރަށުގެ ކައުންސިލާއި އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރު ލުމަކާއެކު ކަމަށް ތޮލާލް ވިދާޅުވި އެވެ.
އެތުލެޓިސް އެސޯސިއޭޝަނުން ފުވައްމުލަކުގައި ބާއްވަން ނިންމާފައިވާ މަކީޓާ އެޓޯލް ޖޫނިއާ ޗެމްޕިއަންޝިޕް ސްޕޮންސާ ކޮށްފައި ވަނީ އެސްޓިއޯގެ މަކީޓާ އިންނެވެ.