07 Jun 2021, 10:42
ދިމާވި ޓެކްނިކަލް މައްސަލައާ އަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.
ކޮވިޑް19 އިންތިހާއަށް ފެތުރޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ތާވަލްކޮށްފައި އޮތީ ހެނދުނު 10:00 އަށެވެ. ނަމަވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ ގަޑިއަށް ޖަލްސާ ފެށިފައެއް ނުވެ އެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ދިމާވި މައްސަލަ ހައްލުކުރަން ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން މިއަދުގެ ޖަލްސާ ކެންސަލް ކުރީ ކަމަށެވެ.
ޖަލްސާ ކެންސަލް ކުރި އިރު، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމަށް އާމިނަތު ޝައުނާއަށް ރުހުންދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުން މިއަދަށް ވަނީ ތާވަލުކޮށްފަ އެވެެ.
މިއަދުގެ ޖަލްސާ ކެންސަލް ކޮށްފައި ވާއިރު، ރައީސް މުހައްމަދު ނަޝީދު ފޮނުއްވެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޒަމީލްގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމިޓީއިން ފާސްނުވެ އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އެމްޑީޕީ މެމްބަރުންގެ މެދުގައި ވަނީ ކޯޅުން ބޮޑުވެފަ އެވެ.