07 Jun 2021, 10:04
ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 186 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ 12:19ގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ ވެސް ކޮވިޑުގައި ރާއްޖެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.
މިދިޔަ މޭ މަހަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި މަހެވެ. އެގޮތުން މޭ މަހު އެކަނި ވެސް 88 މީހަކު ކޮވިޑުގައި ވަނީ މަރުވެފަ އެވެ. މި މަހުގެ މިހާތަނަށް ކޮވިޑުގައި 24 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑު ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، ބަލީގައި ރެކޯޑު އަދަަކަށް މީހުން މަރުވާން ފެށުމާ އެކު ފިޔަަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ. އަދި މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށައިފަ އެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެކުރިން ބުނެފައި ވަނީ، ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންޓްރޯލް ވާން ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.