ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ ދާއިރާ އިން ކަނޑައަޅާ މެންބަރަކަށް ށ. މިލަންދޫ ދާއިރާގެ މެންބަރު ފިރާގު އިބްރާހިމް ހޮވިވަޑައިގެންފި އެވެ.

އެލްޖީއޭ އިން ބުނީ ފިރާގު އެ މަގާމަށް ހޮވިވަޑައިގަތީ އިއްޔެ ބޭއްވި އިންތިހާބްގައި އޭނާއާ އެކު އެ މަގާމަށް ވާދަކުރެއްވި އެ އަތޮޅު ކަނޑިތީމު ދާއިރާގެ އަތޮޅު ކައުންސިލާގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާ ވާދަކުރައްވައިގެން ކަމަށެވެ. އިއްޔެ ބޭއްވި އިންތިހާބްގައި ފިރާގަށް 15 ވޯޓް ލިބިވަޑައިގެންނެވި އިރު އާރިފަށް ލިބިވަޑައިގެންފައިވަނީ 13 ވޯޓެވެ.

ދާއިރާ އެކެއްގެ އިންތިހާބް އެލްޖީއޭ އިން އިއްޔެ އަލުން ބާއްފާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެއިންތިހާބުގެ ވޯޓްގެ ނަތީޖާ އެއްވަރުވުމުންނެވެ.

އެލްޖީއޭގެ ބޯޑަށް މިއަދު އިންތިހާބްކޮށްފައިވާ މެންބަރަކީ ކުރިން އެ ދާއިރާ ތަމްސީލް ކުރެއްވި ބޭފުޅާ އެބޯޑުގެ ހަތް ޖަލްސާ އަށް ހާޒިރުވެވަޑައިގެންފައި ނުވާތީ، އޭނާ އެމަގާމުން ވަކިކުރުމުގެ ސަބަބުން ހުސްވެފައިވާ މަގާމަށް އިންތިހާބް ކުރި ބޭފުޅެކެވެ.

މީގެއިތުރުން އެބޯޑަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ މެންބަރުގެ މަގާމު ވެސް ކުރިން ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ހަސަން އަފީފު އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ވަނީ ހުސްވެފަ އެވެ.