07 Jun 2021, 09:06
ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ހިޓް ފިލްމު "އަ ކުއައެޓް ޕްލޭސް"ގެ ސީކުއަލް މިދިޔަ މަހު ނެރެފައިވަނިކޮށް އެ ފިލްމުގެ ތިން ވަނަ ބައެއް އަންނާނެ ކަން އިއުލާންކޮށްފި އެވެ.
މި ފަހަރުގެ ފިލްމު ވެސް ބޮޑު ހިޓަކަށް ވެފައިވާ އެ ފިލްމުގެ ތިންވަނަ ބައިގެ އައިޑިއާ މިހާރު ތަރައްގީކުރަމުން އަންނަ ކަމަށާއި އެއަށްފަހު ފިލްމުގެ ސްކްރިޕްޓް ލިޔަން ފަށާނެ ކަމަށް ޚަބަރުތައްބުނެ އެވެ.
އަ ކުއައެޓް ޕްލޭސް 2 ވެގެން ގޮސްފައި ވަނީ މިއަހަރު ތިއޭޓާ ތަކުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕަނިން ހޯދި ފުރަތަމަ ފިލްމަށެވެ. ފިލްމުގެ ތިން ވަނަ ބައި 2023 ވަނަ އަހަރު ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.
އެމިލީ ބްލަންޓް ލީޑް ރޯލުން ފެނިގެންދާ ސައިންސް ފިކްޝަން ފިލްމަކީ އޭލިއަން ފަދަ ތަކެތި ދުނިޔެއަށް އައިސް އުޅޭ ތަން ދައްކުވައިދޭ ފިލްމެކެވެ.
އަދި އެތަކެތިން ސަލާމަތްވުމަށްޓަކައި މީހުން ދިރިއުޅެމުންދަނީ އެއްވެސް ކަހަލަ އަޑެއް ނުލައްވަ އެވެ.
އެތަކެއްޗަކީ ފަސޭހައިން އެކި އެއްޗެހީގެ އަޑު އިވޭ އޭލިއަންތަކެކެވެ. އެގޮތުން ދެވަނަ ފިލްމުގައި ފެނިގެންދިޔައީ ފިލްމުގެ ލީޑް ކެރެކްޓަރު އޭނާގެ ދަރިންތައް ގޮވައިގެން ރައްކާތެރިކަން ހޯދުމަށް އެހެން ސަރަހައްދަކަށް ދާ ތަނެވެ. އަދި އެ ދަތުރުގެ ތެރޭގައި އެހެން ބަޔަކާ ދިމާވާ މަންޒަރު ވެސް މި ފިލްމުން ވަނީ ފެނިގެން ގޮސްފަ އެވެ.