07 Jun 2021, 09:04
ބޮލީވުޑްގެ އެކްޓަރު މުހައްމަދު ޔޫސުފް ޚާން އެޑްމިޓްކޮށްފި އެވެ.
ދިލިޕް ކުމާރުގެ ނަމުން މަޝްހޫރުވި ލެޖެންޑަރީ އެކްޓަރު ހޮސްޕިޓަލުގައި އެޑްމިޓްކުރިކަން އޭނާގެ އަންހެނުން ސައިރާ ބާނޫ ވަނީ ކަށަވަރުކޮށްދީފަ އެވެ. ސައިރާ ބުނީ ދިލިޕް ނޭވާކުރުވެ ނޭވާ ނުލެވުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ވަގުތުން ހިންދޫޖާ ހޮސްޕިޓަލުގައި އޭނާ އެޑްމިޓްކުރި ކަމަށެވެ.
އުމުރުން 98 އަހަރުގެ އެކްޓަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހެދިޓެސްޓުތަކުގެ ނަތީޖާ ދައްކަނީ އޭނާގެ ފުއްޕާމޭގައި ފެން ހެދިފައިވާކަމަށެވެ. އޭނާ މިހާރު ނޭވާ ލަނީ އޮކްސިޖަންގެ އެހީގައި ކަމަށްޚަބަރުތައް ބުނެ އެވެ.
ދިލިޕްގެ ޑަކްޓަރުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ ދިލިޕްގެ ހާލު މިވަގުތު ސްޓޭބަލް ކަމަށާއި އަދި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ނޫންކަމަށެވެ. އަދި އޭނާ ރަނގަޅު ވަމުން އަންނަ ނަމަ ދެތިން ދުވަސްތެރޭ ހޮސްޕޓަލުން ދޫކޮށްލެވޭނެ ކަމަށެވެ.
އެކްޓަރު ދިލިޕް ވަނީ ގިނަ އަދަދެއްގެ ފިލްމުތައް ކުޅެފަ އެވެ. އޭނާކުޅުނު ބައެއް މަގްބުލު ފިލްމުތަކުގެ ތެރޭގައި "އާޒާދު"، "ޝަބްނަމް"، "އަމަރު" އަދި "ދުނިޔެ" ހިމެނެއެވެ.