06 Jun 2021, 14:09
މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ހަމަލާ ރޭވުމުގައި އިސްކޮށް އުޅުނު އެންމެން މިހާރު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ބައިވެރިވަޑައިގެންނެވި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ ހަމަލާގެ ތަހުގީގަށް މިހާތަނަށް 150 އަށް ވުރެ ގިނަ ފަރާތްތަކުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ފަރާތުންނާއި ފުލުހުން ހޯދި މައުލޫމާތު ތަކުގެ މައްޗަށް މިހާތަނަށް 25 އަށް ވުރެ ގިނަ ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ.
ޝިފާއު ވިދާޅުވީ ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ފަށާފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަތަރު މީހެކެވެ.
ހަމަލާގެ ތަހުގީގު ކުރިއަށް ދަނީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރާވާއި ހިންގި މީހުންނާއި އަދި ހަމަލާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ވެސް ހޯދުމަށް ފޯކަސް ކޮށްގެން ކަމަށް ޝިފާއު ވިދާޅުވި އެވެ.
"އެގޮތުން މި މައްސަލައިގައި އަމަލީގޮތުން އެކި ދައުރުތައް އަދާކުރި ސަސްޕެކްޓުންގެ ތެރެއިން މުހިންމު މީހުން މިވަގުތު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި އާންމު ރައްޔިތުންގެ ފަރާތުން ހޯދުނު ސީސީޓީވީ ކެމެރާ ފުޓޭޖާއި، ފުލުހުންގެ ކެމެރާ ފުޓޭޖުތައް ހިމެނޭގޮތުން 200 އަށްވުރެ ގިނަ ފުޓޭޖުތައް އެނަލައިޒް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ޝިފާއު ވިދާޅުވީ ސީސީޓީވީ ފުޓޭޖް އެނަލިސިސްތަކުން ތަހުގީގަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ސްރައިމް ސީން އާއި އޭގެ ފަހުން ބަލައިފާސްކުރި ތަންތަނުން ހޯދުނު ތަކެތީގެ ތަހުލީލުތައް ފޮރެންސިކް ސާވިސް އިން ކުރަމުން އަންނަ އިރު، އިންޓަނޭޝަނަލް ޕާޓްނަރުންގެ ފަރާތުން ވެސް އަންނަނީ ބައެއް ފޮރެންސިކް ތަހުލީލުތައް ކުރުމަށް ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފޮރެންސިކް ތަހުލީލުތަކުން ވެސް ތަހުގީގަށް މުހިންމު ހެކި ލިބިފައިވާ ކަމަށް ޝިފާއު މިއަދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އެ ހެކި ތަކަކީ މައްސަލައިގައި އިންސާފަށް ވާސިލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ތަކެއްޗަށް ވާތީ، ހެކިތަކާ ގުޅޭ ތަފްސީލު ހާމަނުކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ފައިނޭންޝަލް އޭންގަލް އިން ބަލަމުން އަންނަނީ އެމެރިކާގެ ތަޖުރިބާކާރެއްގެ ލަފަޔާއި އިރުޝާދާ އެކުގައި ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލާ ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް މިހާރުވެސް އަންނަނީ ޖަރުމަނު ވިލާތުގައި ފާރުވާ ހޯއްދަވަމުންނެވެ.
ހަމަލާ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އަދި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.