ފްލިކާ ފުލިކާ ޔުނީކް މޯލްޑިވްސް ގުރޫޕްގެ ފަރާތުން އިންތިޒާމު ކުރި ފޮޓޯ ނެގުމުގެ މުބާރާތް "ޔުއާ ބެސްޓް ޝޮޓް 2011"ގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުން ރޭ ބާއްވައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 15 އިން ޑިސެމްބަރު މަހުގެ ނިޔަލަށް ބޭއްވި އެ މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި ފޮޓޯ ނެގުމުގެ ހުނަރު އިތުރުކޮށް ފޮޓޯގްރާފަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި އެއްބައިވަންތަކަން ގާއިމުކުރުން ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.

ފޮޓޯ މުބާރާތުން އެއްވަނައަށް ހޮވުނީ ހަސަން ތޮލްހަތެވެ. ދެވަނައަށް މުހައްމަދު މާޖިދު ހޮވުނު އިރު ތިން ވަނައަށް ހޮވިފައިވަނީ މުހައްމަދު ނަބީލެވެ.

މުބާރާތަށް އިނާމުތައް ހުށައެޅީ ރީފްސައިޑް، އެފްޑީއައި ޓައިނީ އައިލެންޑް ވޮލަންޓިއާޒް، ތާޒާ، އަދި ފުލިކާ ޔުނީކް މޯލްޑިވްސް ގުރޫޕްގެ އިސް މެމްބަރުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ފުލިކާ ޔުނީކް މޯލްޑިވްސް ގުރޫޕް އަކީ ރާއްޖޭގައި އެންމެ ގިނަ ފޮޓޯގްރާފަރުން ހިމެނޭ އޮންލައިން ގްރޫޕެވެ. ދެހާސް ހަތަ ވަނަ އަހަރު އުފެއްދި އެ ގުރޫޕްގައި ރާއްޖޭގެ 1600 އަށް ވުރެ ގިނަމެމްބަރުން ހިމެނެ އެވެ.

އެ ގްރޫޕުން ކޮންމެ އަހަރަކު ވެސް ފޮޓޯނެގުމާ ގުޅުން ހުރި ތަފާތު އެކިއެކި ކަންތައްތައް ރާވައި ހިންގަ އެވެ. އެ ގޮތުން އެކި ރަށްރަށަށް ފޮޓޯނަގަން ދިއުމާއި މެމްބަރުންގެ މެދުގައި އެކިކަހަލަ އިވެންޓްތައް ބޭއްވުން ހިމެނެ އެވެ.