14 Feb 2012, 13:35
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ބަޔާނެއް ފުލުހުން ނަގަން ބޭނުންވާ ކަމަށް އެ މަނިކުފާނަށް ދަންނަވާފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޝީދުގެ ބަޔާނެއް ނެގުމަށް ދަންނަވާފައި ވާނީ އެމަނިކުފާނު ހުންނެވި ތަނަކަށް އަދި އެމަނިކުފާނަށް ފަސޭހަފުޅު ގަޑިއެއްގައި ފުލުހުން ގޮސް ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
ނަމަވެސް އަދި އެކަމަށް ނަޝީދުގެ ތަރުހީބު ފުލުހުންނަށް ވަނީ ލިބޭގޮތް ނުވެފައި ކަމަށް ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް ]އިބޫ[ ވިދާޅުވީ ރައީސް ނަޝީދުގެ ބަޔާނެއް ނެގުމަށް ބޭނުން ވެގެން ފުލުހުން އަންގާފައިވާ ކަމަށާއި ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް ރައީސް ނަޝީދު އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ފުލުހުން ބޭނުން ވަނީ ރައީސް ނަޝީދުގެ ބަޔާނެއް ނަގަން ކަމަށް އެ ބޭފުޅުން ވިދާޅުވެފައި މި ވަނީ. އެއީ ރައީސް ނަޝީދު ހުންނެވި ތަނަކަށް ފުލުހުން ވަޑައިގެން ނަމަވެސް. ރައީސް ނަޝީދު ހުންނެވީ ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް ތައްޔާރަށް." އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރައީސް ނަޝީދު ފުލުހުން އޮފީހަށް ހާޒިރުކުރި ނަމަވެސް އެމްޑީޕީގެ އިސް މެންބަރުން އެމަނިކުފާނު ފަހަތްޕުޅުގައި ތިއްބަވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ބަޔާނެއް ނެގުމަށް ބޭނުންވާ ކަމަށް ފުލުހުން އަންގާފައި މި ވަނީ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި އިންތިހާބެއް ނުބާއްވާ ހިނދު "މަދަނީ ބަސްނޭހުމެއްގެ ތެރޭގައި" ރައްޔިތުން ތިބުމަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގަ އެވެ.