14 Feb 2012, 13:32
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ފުލުހުން ހައްޔަރުކޮށްފައިވާ މައްސަލަ ބެލުމަށް ބޭއްވި އިމްތިޔާޒު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަބީބު ވަޑައިގެންނެވުމުން ފުލުހުންނާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް ހަޅޭއްލަވަން ފެއްޓުމުން ބައްދަލުވުން ނިންމާލައިފި އެވެ.
ކޮމިޓީ ފެށުމުގެ ކުރިން، ކޮމިޓީ ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށާއި މިއަދު ކޮމިޓީ އަށް ހާޒިރު ކުރެއްވި ބޭފުޅަކީ ޕޮލިސް ކޮމިޝަނަރަށް ދަންނަވައިގެން މުހައްމަދު ރަޝީދު ހައްޔަރު ކުރުމާ ބެހޭ މައުލޫމާތު ދެއްވޭނެ ބޭފުޅަކު ކޮމިޓީ އަށް ފޮނުއްވެވުމަށް ކޮމިޓީން ފާސްކޮށްގެން ބާއްވާ ބައްދަލުވުމެއް ކަމަށް ކޮމިޓީގެ މުގައްރިރު މަތިވެރި ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު މެންބަރުންނަށް ދެންނެވި އެވެ. ނަމަވެސް ހަސަން ހަބީބު ކޮމިޓީ ދޮރުން އެތެރެއަށް ވެންނެވުމާ އެކު އެމްޑީޕީގެ މެންބަރުން ކޮނޑިތަކުން ތެދުވެވަޑައިގެން ހަޅޭއްލަވަމުން ހަސަން ހަބީބު ކައިރިއަށް އެއްވި އެވެ. އެ މެންބަރުންގެ ތެރޭގައި ކޮމިޓީގައި ހިމެނިވަޑައި ނުގަންނަވާ މެންބަރުން ވެސް ހިމެނެ އެވެ.
އެ ބޭފުޅުންގެ ތެރޭގައި ތޮއްޑޫ އާދިރާގެ މެންބަރު އަލީ ވަހީދާއި އިހަވަންދޫ ދާއިރާގެ އަހްމަދު އަބުދުﷲ އާއި މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގާއި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ އާއި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބުދުﷲ އަބުދުއްރަހީމާއި ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހާމިދު އަބުދުލް ޣަފޫރު ހިމެނި ވަޑައިގަންނަވަ އެވެ. އެ ކޮމިޓީގައި މިއަދު ތިއްބެވި އެމްޑީޕީގެ މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ. އެ މެންބަރުންގެ ތެރެއިން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާ ހަބީބާ ދިމާލަށް ދުވެވަޑައި ގަތުމުން އެހެން މެންބަރުން އޭނާ ހިފެއްޓި އެވެ.
އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް ހަޅޭއް ލަވަމުން ގޮވަމުންދިޔައީ ފުލުހުންނަކީ ބާޣީން ކަމަށާއި އެމީހުންނަކީ ފައިސާ އަށް ވިކިފައިތިބި ބައެއް ކަމަށެވެ.
އެއަށް ފަހު އެމްޑީޕީ މެންބަރުންނާއި ކޮމިޓީގައި ތިއްބެވި އެހެން ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނާ ދެމެދު ޒުވާބު ހިނގައި އަޑުގަދަކޮށްފައިވެ އެވެ.