05 Jun 2021, 11:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދައަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދާ އިންކުއަރީގެ މަސައްކަތް ކުރާ 241 ކޮމެޓީ އަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރު ކޮށްފި އެވެ.
ސީޕީ ހަމީދަކީ އެ އިންކުއަރީ އާއި ގުޅިގެން ކޮމެޓީ އަށް ހާޒިރު ކުރި ފުރަތަމަ ފަރާތެވެ. އެ އިންކުއަރީގައި ފަސް ކަމަކަށް ބަލާނެ ކަމަށް 241 ކޮމެޓީ އިން ވަނީ ބުނެފަ އެވެ.
1. ހަމަލާ ދިނުމުގެ ކުރިން، ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނަގަތުން.
2. ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން
3. ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަމުންދިޔަ ގޮތް ދެނަގަތުން.
4. ފައިނޭންސް އިންޓެލިޖެންސް މައުލުމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނަގަތުން
5. ގާނޫނީ އޮނިޑަނޑާ އެއްގޮތަށް އަމަލު ކުރަމުންދާ މިންވަރު ދެނަގަތުން.
އެ އިންކުއަރީ އަށް ސިފަައިން ވެސް ހާޒިރު ކުރަން ނިންމާފައި ވަނިކޮށް އެމްއެންޑީއެފް އިން ބުނެފައިވަނީ އެ މުވައްސަސާގެ ފަރާތުން ވަކިވަކި ސިފައިން ކޮމެޓީ އަށް ޖަވާބު ދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުވައްސަސާ އިން ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ އައި ގުޅުންހުރި ހަތަރު މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަމަލާ ގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯެއްދެވުމަށް އެ މަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.