05 Jun 2021, 09:43
މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުުސަތު ލިބޭ އެންމެ ފަހު ޖީލަކީ މި ޖީލު ކަމަށް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތަކުން ސަމާލަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށް، މި ޖީލު ވެދާނެ ކަމަށާއި ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ މާހައުލީ ނިޒާމަށް ގެއްލުން ނުވާނެހެން ކަމަށެވެ.
"ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެއަށް ފޯރަމުންދާ ނިސްބަތާއި ފޯރަމުންދާ ހަލުވިމިނަށް ބަލާއިރު، އަޅުގަނޑުމެންނަކީ، މިދެންނެވި ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ، އެންމެ ފަހު ޖީލު ކަމަށްވުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންގެ ހަލާކުވަމުންދާ މާހައުލީ ނިޒާމު އިއާދަކުރުމަށްޓަކައި، މިއަދު މިތިބަ ހާލަތުގައިވެސް، އާވިސްނުންތަކާއެކު އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެގޮތުން އަހަރެމެންގެ އަމަލުތަކުގެ ސަބަބުން ގެއްލުންވެ ހަލާކުވެފައިވާ ކުޅިތަކާއި، ފާތަކާއި، ޗަސްބިންތަކާއި ފަރުތަކާއި ގޮނޑުދޮށްތައް، އޭގެ އަސްލު ހާލަތަށް އިއާދަވޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދު ބިނާވެފައިވަނީ ގުދުރަތީ މާހައުލަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރުމަށް، ފަރުތަކުގެ 13 ޕަސެންޓު ހިމެނޭހެން 73 ސަރަހައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، 2030 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ މަދުވެގެން 20 ޕަސެންޓު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 ޕަސެންޓު ހިމާޔަތްކުރުމުގެ ބައިނަލްއަގުވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ވެސް ވިދާޅުވި އެެވެ.
މާޙައުލީ ނިޒާމަށް ލިބޭ ކިތަންމެ ކުޑަ ގެއްލުމެއްވެސް އިއާދަވާން އެތައް އަހަރެއް ހޭދަވާ ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައިނުލެވުމާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް، ބޭނުންކުރެވޭ މިންވަރު އިތުރުވުންކަމަށް ރައީސް ވިދާޅުވީ އެވެ. ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ އަށް ބާވަތެއްގެ އުފެއްދުންތައް އެތެރެކުރުން މިހާރު މަނާކޮށްފައިވާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.