14 Feb 2012, 13:33
ޕޮލިސް ސްޓޭޝަންތަކަށް ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީ އަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު ޒަކަރިއްޔާ ހަސަން މިއަދު ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރާއި އިތުރު ތިން މީހަކު މިއަދު 11:30 އެހާކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ ހައްޔަރުކުރި އެންމެންނަކީ ވެސް މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ޕޮލިސް ސްޓޭޝަންތަކަށާއި ސިފައިންގެ މަރުކަޒަކަށް ގެއްލުންދިން ފަރާތްތައް ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ. އަދި އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލްގެ ރައީސް މިއަދު ހައްޔަރު ކުރި އިރު ހުންނެވީ ޗުއްޓީގައި ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.
ހދ. އަތޮޅު ކައުންސިލްގައި 10 ކައުންސިލަރުން ތިއްބަވާ އިރު ހަތް ކައުންސިލަރުން ނިސްބަތް ވަނީ އެމްޑީޕީ އަށެވެ. ދެން ހިމެނިވަޑައިގަންނަ ވަނީ ޑީއާރުޕީ ދެ ކައުންސިލަރަކާ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ކައުންސިލަރަކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް، ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ މައުލޫމާތެއް ފުލުހުން އަދި ހާމަ އެއްނުކުރެ އެވެ.
ލ. އިސްދޫ ޕޮލިސް ޕޯސްޓަށް ގެއްލުންދީ ހެދިކަމުގެ ތުހުމަތުގައި އެ ރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ކައުންސިލް މެމްބަރަކާއި އިތުރު ދެ މީހަކު މީގެ ދެ ދުވަސް ކުރިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މާލޭ އާއި އަތޮޅު ތެރޭ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ މަރުކަޒުތަކުގައި ރޯކޮށް ހެދި މީހުންގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ އިރު އެ ހާދިސާގައި ބައެއް ފުލުހުންނަށް ވެސް ވަނީ އެކިވަރުގެ ޒަޚަމްތައް ވެފަ އެވެ. އަދި އެ ދުވަހު ބައެއް ފުލުހުން ވަނީ އެ ރަށްރަށުން ފޮނުވާލަން ކައުންސިލްތަކުން ގަރާރު ވެސް ފާސްކޮށްފަ އެވެ.