އެމާޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް)އަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް، އެމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑްކުރެވޭނެ ގޮތަކަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

މި ބަދަލަކީ، ފަރުވާ ލަސްވުމުގެ ސަބަބުން އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުވުމާ ގުޅިގެން ހެދި ކޭސް ރިވިއުއަށްފަހު ގެންނަން ނިންމި ބަދަލެކެވެ.

މިޝްކާގެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ކޭސް ރިވިއު މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ރިވިއުގައި އާންމުކޮށްފައި ވަނީ މިޝްކާ އަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތާއި، ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެއްކޮށްފައިވާ މައުލޫމާތާއި ފާހަގަވި ކަންތައްތަކެވެ.

އެގޮތުން އެޗްއީއޯސީ އިން ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކްލަސްޓާތައް ކަމުގައިވާ، ކޯލް ސެންޓަރު، މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް)، އަދި އެމާޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) އިން އަމަލުކޮށްފައިވާ ގޮތް ވަނީ ބަލައި، މިހާރު އެކުލަވާލައި އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް އަމަލުކޮށްފައި ވޭތޯ ވަނީ ބަލައިފަ އެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ކޭސް ރިވިއުގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިޝްކާގެ ހާލު ގޯސްވާތީ އެތައް ފަހަރަކު ގުޅުމުން ވެސް އެމްބިއުލާންސް ފޮނުވައިދެވިފައި ވަނީ އޭގެ ދެ ގަޑިއިރާ 26 މިނެޓު ފަހުން ކަން ވަނީ ހާމަވެފަ އެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ކޮވިޑް19 އަށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދައްކައި، އައުޓް ޕޭޝަންޓު ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމް މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ހަމަޖައްސަައި، އެތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިވިއުގައިވެ އެވެ.

މިނިސްޓްރީން ބުނީ، އެފަދަ ތަންތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުން "ވޯކް އިން" ކޮށްގެން ހިދުމަތް ހޯދޭނެ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކު އެމަޖެންސީ ހާލަތެއްގައި އެމްބިއުލާންސް ހޯދަން ސިއްހީ ހިދުމަތް ދޭ އެއްވެސް ތަނަކަށް ގުޅައިފި ނަމަ، އެތަނަކުން އެފަރާތެއް ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި، ހިއްހީ ހިސުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތުން ބުންޏެވެ.

އޭގެ އިތުރުން ވެސް، މުހިންމު ފިޔަވަޅުތަކެއް އަޅަން ހެލްތު މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން އެޗްއީއޯސީގެ މެޑިކަލް ރެސްޕޯންސް މިހާރު ހިނގަމުންދާ ގޮތަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ. އެއީ:

  • ކޯލް ސެންޓަރަށް އަންނަ އިމަޖެންސީ ކޯލްތަކަށް އަވަސްމިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން

  • ކޯލް ސެންޓަރަށް އަންނަ އިމަޖެންސީ ކޯލްތައް ރަނގަޅށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރުން

  • އިމަޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓުކުރަންޖެހޭ ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސް އަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑު ވެވޭނެ އިންތިޒާމް ހަމަޖެއްސުން

  • މަދު ވަގުތު ކޮޅެއްގެތެރޭގައި އިމަޖެންސީ ކޭސް އަކަށް ބޭނުންވާ އެމްބިއުލާންސް ޓްރިގާކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުން

  • އިމަޖެންސީ ކޭސް އަކާ ގުޅޭ މައުލޫމާތު ޑީއެމްއާރްޓީއަށް ސީދާ ވަގުތުން ދާނެ ގޮތްތަކާއި، އެ ކޭސްތަކަށް ޑޮކްޓަރުންނށަށް އެޓެންޑު ވެވޭކަން ކަށަވަރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

  • އިމަޖެންސީ ކޭސްތަކުގައި ޑީއެމްއާރްޓީ އިން ގުޅުމުން ދިމާނުވާ ފަރާތްތަކަށް އެޓެންޑުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން

  • މިކަމަށް ހާއްސަކޮށްފައިވާ އައުޓްބްރޭކް (އޯބީ) ސިސްޓަމް ހުރިހާ ކްލަސްޓާތަކުން، ގަވާއިދުން ބޭނުންކުރަމުންދާކަން ކަށަވަރުކޮށް، ސިސްޓަމް މައްސަލައެއް ޖެހިއްޖެނަމަ ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ ގޮތް ހެދުން

ހެލްތު މިނިސްޓްރީން ބުނީ، އެ ރިވިއުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.