ގިނަ ދުވަސްތަކަށްފަހު، ރާއްޖެއިން އެއް ދުވަހެއްގެ ތެރޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500އިން ދަށަށް ހިނގައްޖެ އެވެ.

ޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،000އަށްވުރެ ގިނަ ސާމްޕަލްއިން ޕޮޒިޓިވްވެފައިވަނީ 432 މީހުންނެވެ.

މިއީ އިއްޔެ ރާއްޖެއިން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 216 ކޭސްގެ މަދުވުމެކެވެ. އިއްޔެ ޕޮޒިޓިވްވެފައި ވަނީ، 648 އެވެ.

މިއަދު ޕޮޒިޓިވްވްވި ކޭސްތަކުގެ ތެރޭގައި މާލެ ސިޓީން ފެނުނު ކޭސްތަވެސް ވަނީ ނިސްބަތުން މަދުވެފައެވެ. އެގޮތުން މާލެ ސިޓީން މިއަދު ޕޮޒިޓިވްވީ 292 އެވެ. މިއީ، އިއްޔެ މާލެ ސިޓީން ފެނުނު ކޭސްތަކާ އަޅާބަލާއިރު، 100 ކޭސްގެ މަދުވުމެކެވެ. އިއްޔެ މާލެ ސިޓީން ޕޮޒިޓިވްވެފައިވަނީ، 349 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ، ރަށްތަކުން ޕޮޒިޓިވްވި 154 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 29 މީހެކެވެ. އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް 66،900 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ބަލިން ފަސޭހަވެފައި ވަނީ 45،730 މީހުންނެވެ. ބަލި ޖެހިފައި އަދިވެސް 21،032 މީހުން އެބަ ތިބި އެވެ. އޭގެ ތެރެއިން 213 މީހަކަށް ފަރުވާ ދެމުން އަންނަނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިހާތަނަށް ޖުމްލަ 177 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އޭގެތެއިން މިއަދު ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ވެކްސިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު 391 މީހަކު ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖަހާފައެވެ. 1،010 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. ޖުމްލަ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 311،225 އެވެ. އަދި ދެވަނަ ޑޯޒް ޖެހި ޖުމްލަ މީހުންގެ އަދަދަކީ، 171،115 އެވެ.