04 Jun 2021, 20:58
ކޮވިޑް ޖެހިގެން ވިލިމާލެއިން މީހަކު މަރުވެއްޖެ އެވެ. މިއީ މިއަދުގެ ތިން ވަނަ މަރެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ވިލިމާލޭ ހޮސްޕިޓަލަށް ގެނައި އުމުރުން 77 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 177ވަނަ މީހާ އެވެ.
އޭނާ މަރުވެފައި ވަނީ، މިއަދު ހަވީރު 4:30ގައެވެ.
މިއަދު ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ ދ. ބަނޑިދުއިން މަރުވި އުމުރުން 77 އަހަރުގެ މީހެކެވެ. ދިވެހި އެ ފިރިހެން މީހާ މަރުވީ، މިއަދު ހެނދުނު 11:17ގައި އެވެ.
ދެން މަރުވެފައި ވަނީ އައިޖީއެމްއެޗް އެމަޖެންސީ ރޫމަށް ގެނައި ލަންކާ މީހެކެވެ. އުމުރުން 37 އަހަރުގެ އެ މީހާ މަރުވީ، މިއަދު ހަވީރު 4:24ގައި އެވެ.
މިއަދު މިހާތަނަށް ކޮވިޑުގައި ތިން މީހުން މަރުވި އިރު، އިއްޔެ ދެ މީހަކު ވަނީ މަރުވެފައެވެ.