14 Feb 2012, 13:07
ކުރިން ކަނޑައަޅާފައިވާ ގޮތަށް އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމަށް ނަގާ ފީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބޮޑުކޮށްފި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާސަންދައިގެ ހިދުމަތް ތައާރަފްވުމާ އެކު ހޮސްޕިޓަލްގެ ބައެއް އަގުތަކަށް ބަދަލުގެންނާނެ ކަން ކުރިން ވެސް އިޢުލާންކޮށްފައިވާނެ ކަމަށާއި އެގޮތުން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ އޯޕީޑީން ޑޮކްޓަރަކަށް ދެއްކުމަށް 100 ރުފިޔާ އަދި ވަކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް 200 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އައިޖީއެމްއެޗުން ކުރިން ޑޮކްޓަރަށް ދެއްކުމަށް ދައްކަން ޖެހެނީ 25 ރުފިޔާ އެވެ.
އައިޖީއެމްއެޗުން ބުނީ ޑޮކްޓަރަށް ދައްކާ ފީގެ އިތުރުން ބައެއް ކަހަލަ އެހެނިހެން ހިދުމަތްތަކުގެ އަގަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ބައެއް ކަހަލަ ސްކޭންތަކާއި ލެބޯޓްރީގެ ބައެއް ހިދުމަތަކުގެ އަގު ބޮޑުކޮށްފައިވާ އިރު ބައެއް ސްކޭންތަކާއި ލެބް ޓެސްޓްތަކުގެ އަގު ކުޑަކޮށްފައިވާ ކަމަށް ވެސް ހޮސްޕޮޓަލުން ބުންޏެވެ. މީގެއިތުރުން ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނާއި އަދި ހޮސްޕިޓަލަށް ޑޮކްޓަރުންނަށް ދެއްކުމަށް އަންނަ ބަލިމީހުންގެ ހިދުމަތްތަކުގެ އަގުތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.
އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލުން ދޭ ބައެއް ހިދުމަތްތަކުގެ އަގުތައް ބޮޑުކުރި ނަމަވެސް އެ ހުރިހާ ހިދުމަތަކީ ވެސް އާސަންދައިގެ ދަށުން ކަވާކުރާ ހިދުމަތްތައް ކަމަށެވެ.
މުއްދަތު ހަމަނުވާ އައިޑީކާޑު ހިފައިގެން ޑޮކްޓަރަކަށް ދައްކާ ހަމަކޮންމެ މީހަކަށް ވެސް ހިލޭ ބޭސް ފަރުވާގެ ހިދުމަތް ފޯރުކޮށްދޭ އާސަންދައިގެ ދަށުން ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ މަތިން އަހަރެއްގެ މައްޗަށް އެއްލައްކަ ރުފިޔާ ބޭސް ފަރުވާ ކުރެވެ އެވެ.