04 Jun 2021, 17:13
ކޮވިޑް-19 ޖެހުނު ދ. ބަނޑިދޫ މީހަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެއީ 77 އަހަރުގެ މީހެއް ކަމަށާއި އެމީހާ މަރުވީ މިއަދު 11:17ގައި ކަމަށެވެ.
މިއީ ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މަރުވި 175 ވަނަ މީހާ، އަދި މިއަދުގެ ފުރަތަމަ ކޮވިޑް މަރެވެ.
ބަނޑިދޫ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދް ނަސީމް "ސަން" އަށް ވިދާޅުވީ އެ ރަށުން ފުރަތަމަ ކޮވިޑް ކޭހެއް ފެނުނީ ރޯދަ މަސް ނިމުނުތާ ކައިރީގައި ކަމަށާއި މިހާތަނަށް 107 މީހަކު ކޮވިޑަށް ޕޮސިޓިވެފައިވްވެ، އަދި މިހާރު ވެސް އެކްޓިވް 55 ކޭހެއް ވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހާ މިއަދު މަރުވީ، މިއަދު ރިލީސް ސާމްޕަލް ނަގަން އޮއްވަ އެވެ. އެކަމަކު އެމީހާއަކީ ޕޭސްމޭކާއެއް ލައްވައި ހިތުގެ ބަލި ހުންނަ މީހެކެވެ.
އެ ރަށު ސިއްހީ މަރުކަޒުން ބުނީ އެ މީހާ ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ބަދަލު ކުރުމަށް އެޗުޕީއޭ އިން ބޭނުންވި ކަމަށެވެ. ނަމަވެސް އެހީތެރިއަކާ ނުލައި ފެސިލިޓީ އަށް ފޮނުވުމަށް އޭނާގެ އާއިލާ އިން ފުރަތަމަ އިއުތިރާޒު ކުރި ކަމަށެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އޭނާގެ ހާލު އިތުރަށް ސީރިއަސް ވުމުން އެރަށުން ދެވެން ހުރި ފަރުވާއެއް ދިނުމަށް ފަހު، މިއަދު މެންދުރުގެ ވަގުތެއްގައި ލ. ގަމު ފެސިލިޓީ އަށް ބަދަލުކުރުމަށް އާއިލާއިން ވެސް އެއްބަސްވެ އެކަމަށް ހުރިހާ ތައްޔާރީތަކެއްވި ކަމަށެވެ.
"މީގެ 14 ދުވަސް ކުރިން އެމިހާ އެކަނި ފެސިލިޓީއަށް ގެންދަން ޖެހޭތީވެ، މިބުނީ އާއިލާގެ އެއްވެސް މީހަކު އެހީތެރިޔަކަށް ވެސް ނުދެވޭތީވެ، އާއިލާ އިން އެއްބަސް ނުވީ. ބަލި މީހަކަށް ވީމާ އެކަނި ނޫޅެވޭނެތީވެ،" ނަސީމް ވިދާޅުވި އެވެ.
ރާއްޖެ އިން އިތުރުވި ކޭސްތަކާ އެކު ބަލީގައި މަރުވާ މީހުންގެ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މޭ މަހުގެ ތެރޭ އެކަނި ވެސް ވަނީ 80 އަށް ވުރެ ގިނަ މީހުން ބަލީގައި ދުނިޔެ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭ އެހެން ރަށްތަކުން މީހުން މަރުވި މިންވަރު ވެސް އިތުރުވި އެވެ.