މެއި ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން އިރު އެމަނިކުފާނުގެ އަރިހުގައި އެވަގުތު ތިއްބެވި ސިފައިންގެ އޮފިސަރުންނަށް ބަސް ނުބުނެވޭ ގޮތް ހެދުމަކީ ބޭއިންސާފެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ އާ ގުޅޭ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާއިރު، އެ މައްސަލަ ބަލާ ކޮމެޓީ އަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުވައްސަސާ އިން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީ އާ ޗެއިން އޮފް ކޮމާންޑް އަދި ކޮމާންޑް އެންޑް ކޮންޓްރޯލުގެ އިތުރުން ސިފައިންގެ ތެރޭ ގާއިމްކޮށްފައި އޮތް އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެހެން ކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ވުމުގެ ބަދަލުގައި، ޖަވާބު ދާރީވާނީ އެމްއެންޑީއެފްގެ ފަރާތުން ކަމަށެވެ.

އެ ނޫސްބަޔާން ރީޓްވީޓު ކުރައްވައި ނަޝީދު މިއަދު ވިދާޅުވީ ރޭންކް އެންޑް ފައިލް، ނުވަތަ އާންމު ސިފައިންގެ މީހަކު ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް "ޓޮޕް ބްރާސް"ގެ އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑު މަރާލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި މޮޅު ކުދިންގެ ބަސް ނުބުނެވޭތަށް ކަންކަން ނިންމުމަކީ ބޭއިންސާފެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އިިން ހަނިގޮތަކަށް އެ މަނިކުފާނު ސަލާމަތްވި އިރު، ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ. އެ ހަމަލާ ދިން އިރު އެމަނިކުފާނު އަރިހުގައި ތިއްބެވި ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާވި އެވެ.