14 Feb 2012, 12:38
އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަން ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕަށް ދީފިނަމަ، މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ސްކޯލްސް ޓީމަށް ނަގާނެކަމަށް ރެޑްނެޕް ބުނެފި އެވެ.
ޕޮލެންޑާއި ޔޫކްރޭނުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިނގިރޭސި ގައުމީ ޓީމުގެ މެދުތެރޭގައި އެންމެ އިސްދައުރެއް އަދާކޮށްދެވޭނެ އެއް ކުޅުންތެރިއަކީ ސްކޯލްސް ކަމަށް ރެޑްނެޕް ގަބޫލު ކުރެއެވެ. އެންމެ ފަހުން އިނގިރޭސި ޓީމަށް ސްކޯލްސް ކުޅެފައިވަނީ 2004 ވަނަ އަހަރު އެވެ. ގައުމީ ޓީމަށާއި ކުލަބަށް ކުޅުނު ސްކޯލްސް މިދިޔަ ސީޒަން ނިމުމުން ރިޓަޔާ ވެފައި ވެއެވެ. ނަމަވެސް އޭނާ ވަނީ އަލުން ކުލަބަށް ކުޅެން ފަށައިފަ އެވެ.
"އަހަރެންނަކީ އިނގިރޭސި ޓީމުގެ ކޯޗު ނަމަ، އެންމެ ފުރަތަމަ ޓީމަށް ނަގާނެ އެއް ކުޅުންތެރިޔަކީ ސްކޯލްސް. އުމުރަކީ މުހިންމު އެއްޗެއް ނޫން. ސްކޯލްސްގެ ކުޅުން މިހާރު ވެސް ރަނގަޅަށް ބަލައިފިނަމަ، އޭނާ އަކީ ޒަވީ އަދި އިނިއެސްޓާ އާއި އެއް ފެންވަރު ކުޅުންތެރިއެއް ކަން ފާހަގަވާނެ. ސްކޯލްސް އަކީ ވެސް އެދެކުޅުންތެރިން ފަދައިން ބޯޅަ ގެއްލުވާނުލާ ރީތި ކުޅުމެއް ކުޅޭ މިޑްފީލްޑަރެއް." ރެޑްނެޕް ބުންޏެވެ.
އިނގިރޭސި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ވާހަކަ ދައްކާ، ރެޑްނެޕް ވަނީ އެކުޅުންތެރިންނަކީ ހުސްވެފައިވާ އިނގިރޭސި ޓީމުގެ ކެޕްޓަންކަން ކުރުމަށް އެކަށޭނެ ކުޅުންތެރިންކަމަށް ބުނެފަ އެވެ.
"ފްރޭންކް ލަމްޕާޑަކީ އަދިވެސް މޮޅު ކުޅުންތެރިއެއް. ހަމައެގޮތަށް ސްޓީވަން ޖެރާޑަކީ ވެސް މޮޅު ކުޅުންތެރިއެއް. އޭގެ އިތުރުން ސްކޮޓް ޕާކާ އަކީ ވެސް އޭގެ ތެރެއިން މިޑްފީލްޑަރެއް. މިކުޅުންތެރިންނަށް އިނގިރޭސި ޓީމުގެ ކެޕްޓަންކަން އަދާކުރެވިދާނެ." ރެޑްނެޕް ބުންޏެވެ.
އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމުގެ އިތުރުން ކޯޗުގެ މަގާމު ވެސް އަދި އޮތީ ހުސްކޮށެވެ. އިނގިރޭސި ޓީމުގެ ކޯޗުގެ މަގާމަށް ހޮވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންދަނީ ރެޑްނެޕް ކަމަށެވެ.