12 Jul 2010, 15:29
19:00
ވަކި ގާނޫނެއްގެ ދަށުން އުފައްދާފައިވާ އެމްބީސީ އަކީ ދައުލަތުގެ މީޑިއާތައް ހިންގާ ގޮތަށް އުފައްދާފައިވާ ތަނެއް ކަމަށް ބުނެފައިވީ ނަމަވެސް އެމްއެންބީސީގެ ދަށުން މިހާރު ހިނގަމުން އަންނަ މީޑިއާތަކާ އެސެޓްތައް އެމްއެންބީސީން ދޫކޮށްލަން ބޭނުން ނުވާނަމަ ހޯދަން ޖެހޭނީ ކޯޓަށް ގޮސްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާރޒް ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
އަލަށް އުފައްދާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ނުވަތަ އެމް.ބީ.ސީ.ގެ ޑިރެކްޓަރުންގެ ބޯޑު މަޖިލީހުން މިއަދު ކަނޑައެޅުމާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަފީފް ވިދާޅުވީ އެމްއެންބީސީ އަކީ ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏަކަށް ވުމާއެކު، އެ ކުންފުނި މިހާރު އޮތްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ތަންތަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެބޭފުޅުން ބޭނުންފުޅުވާ ތަނެއްގައި ވަޒީފާ އަދާކުރެއްވުމުގެ ފުރިހަމަ އިޚްތިޔާރު ލިބިވަޑައިގަންނަވާ ކަމަށް ޢަފީފް ވިދާޅުވި އެވެ. އަދި އެމްއެންބީސީގެ ދަށުން މިހާރު ހިނގަމުން އަންނަ ތަންތަނާއި އެތަންތަން ހިންގާ ބިންބިމާއި، އެތަންތަނުގައި ތިބި މުއައްޒަފުންނާ އަދި ބޭނުންކުރާ ފްރީކުއެންސީތައް މިހާރު ނިސްބަތްވަނީ އެމް.އެން.ބީ.ސީ އަށް ކަމުގައި ވެސް އަފީފް ވިދާޅުވި އެވެ.
އެހެން ނަމަވެސް އެމް.ބީ.ސީ.ގެ ގާނޫނު ބުނާ ގޮތުން އެ ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ އަޑާއި، ޓީވީއެމް، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެމް.ބީ.ސީ.ގެ ދެ ޗެނަލަށް ބަދަލުވެގެން ދާނެ އެވެ. ނަމަވެސް އަފީފް ވިދާޅުވީ އެމްއެންބީސީން އެ ތަންތަން އެމްބީސީއަށް ދޫކުރަން ބޭނުންނުވާނަމަ ހޯދަން ދާންޖެހޭނީ ކޯޓަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުން އަލަށް އުފައްދަވާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން، އެމް.ބީ.ސީ.އަކީ، އެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނެއްގެ ދަށުން ހިންގަވަން ހަމަޖައްސާފައިވާ ކުންފުންޏެއް ކަމަށާއި، އެ ކުންފުންޏަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމުގައި އަފީފް ވިދާޅުވި އެވެ.