04 Jun 2021, 11:18
ކޮވިޑް 19ގައި މަރުވި އުމުރުން 10 އަހަރުގެ މަރިޔަމް މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ހަދާ ކޭސްރިވިއުގެ މަސައްކަތް އަދި ވެސް ނުނިމޭ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
އެ މިނިސްޓްރީ އިން މީގޭ ގަޑިއެއްހާއިރު ކުރިން ކުރި ޓުވީޓެއްގައި ބުނީ އެކަމާ ގުޅިގެން ހަދާ ކޭސް ރިވިއުގެ ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެ މައްސަލާގައި ގިނަ ކަންތައްތަކެއް ބަލަން ޖެހުމުން އިތުރު ވަގުތު ނަގާ ކަމަށެވެ.
"މި މައްސަލާގައި ގިނަ ކަންކަން ބަލަން ޖެހުމުން މި ކަމަށް އިތުރު ވަގުތު ނަގާ. މަސައްކަތް ކުރަމުން މި ދަނީ ވީ އެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް." ހެލްތު މިނިސްޓްރީގެ ޓްވީޓުގައި ބުންޏެވެ.
މިޝްކާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބެލުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފައިވާ އިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ބުދަ ދުވަހުގެ ރޭ ވިދާޅުވީ އެ މައްސަލަ ބަލައި ނިންމައި ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިއްޔެ އެ ރިޕޯޓު އާންމު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިޝްކާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާ އެކު ގޭގަ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސްވެ، މިދިޔަ އަންގާރަ ދުވަހުގެ ރޭ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ވަނީ ގެންގޮސްފަ އެވެ. ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވީ އެ ރޭ 12:10ގަ އެވެ.
އާއިލާ އިން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:00 އެހާކަންހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ގުޅަމުން ދިޔަ ކަމަށާއި އެމްބިއުލާންސް ދިޔައީ އެ ރޭ 11:40ގައި ކަމަށެވެ.
މިޝްކާއަށް އެޓެންޑް ވުމަށް އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް ހެލްތުން ކުރަމުން އަންނަ އިރު، އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްކޮންފަރެންސުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެމްބިއުލާންސް ޑިޕޮލޯއީ، ނޫނީ ފޮނުވުމުގެ އުސޫލަށް ގެނައި ބަދަލުގެ ތަފްސީލެއް ނޫނީ އެސްޕީއޯއެއް މިނިސްޓަރު ވިދާޅެއް ނުވި އެވެ.
މިޝްކާ އަށް އެޓެންޑްވުމުގައި ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މައްސަލާގައި މިނިސްޓަރުގެ އިހުމާލު އޮތް ނަމަ މިނިސްޓަރު ވެސް އިސްތިގުފާ ދެއްވަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އިހުމާލުގެ މައްސަލަ ބަލާއިރު މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މައްސަލަ ބެލޭނެ ކަމަށް ވިދާޅުވި އެވެ.