14 Feb 2012, 12:26
ޔޫރޮޕާ ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ. ނަމަވެސް ގިނަ މީޑިޔާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޔޫރޮޕާ ލީގު ކާމިޔާބު ކުރުމަކީ މެންޔުނައިޓެޑް އަށް އުނދަގޫވާނެ ކަމެއް ކަމަށެވެ.
މެންޔުނައިޓެޑް ޔޫރޮޕާ ލީގުގައި ކުޅެން ޖެހުނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލިބުނު ނާކާމިޔާބީ އާއި ގުޅިގެންނެވެ. މެންޔުނައިޓެޑް ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގަ އެވެ. މިބުރުގައި މެންޔުނައިޓެޑް މިހަފްތާ ވާދަކުރަން ޖެހޭނީ ހޮލެންޑްގެ އަޔެކްސް އެމްސްޓެޑަމް އާއި ދެކޮޅަށެވެ.
"މިމުބާރާތް ކާމިޔާބު ކުރަން ބޭނުން. މިމުބާރާތަށް ނުކުންނާނީ ވަރަށް ބޮޑު އިސްކަމެއް ދީގެން. މެޗުތަކަށް ނެރޭނީ އެންމެ ވަރުގަދަ ސްކޮޑު. އަޔެކްސް އަކީ ވެސް ދެރަ ޓީމެއް ނޫން. އެހެންކަމުން މެންޔުނައިޓެޑްގެ ވަރުގަދަ ސްކޮޑުން އެމެޗު ކުޅޭނީ އެޓީމަށް އިސްކަމެއް ދީގެން." ފާގަސަން ބުންޏެވެ.
ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޔުނައިޓެޑް މިވަގުތީ އޮތީ ލީގުގެ ދެވަނާގަ އެވެ. ވާދަވެރި މެންސިޓީ އެއްވަނާގައި އޮތީ ދެޕޮއިންޓްގެ ލީޑަކާއި އެކުއެވެ.