03 Jun 2021, 18:23
ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލްގެ އިދާރީ ހިދުމަތްތައް ދިނުމަށާއި އިދާރީ އޮފީސް ހިންގާނެ ޖާގަ ހަމަޖެއްސުމަށް އެޗްޑީސީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެ އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލޭ އަމިން އެވެނިއު މެޕަލް ޓަވަރުގެ ޔުނިޓް އޭއެމް 1-05 ސިޓީ ކައުންސިލުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.
މިއާއެކު އެޗްޑީސީ އާއި ކައުންސިލު ގުޅިގެން ރައްޔިތުންގެ ފައިދާ އަށް މަސައްކަތްކުރަން ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް އެޗްޑިސީ އިން ބުންޏެވެ.
ރައްޔިތުންނާއި، ހާއްސަކޮށް ހުޅުމާލޭގައި ދިރިއުޅޭޭ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުރިއަށް އޮތްތަނުގައިވެސް އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައުންސިލް އާ ގުޅިގެން އެޗްޑީސީ އިން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.