އިސްލާމްދީނާ ހިލާފުވުމުން ލާދީނީ އޭ ބުނެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ ގިނަ ބަޔެއްގެ ނަޒަރުގައި ވަކި މީހަކީ ލާދީނީ މީހެއް ކަމަށް ބުނެވެން ޖެހޭ ކަމަށާއި ހާއްސަކޮށް އެމީހަކީ އެހެންމީހެއްގެ ނަޒަރުގައި އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ނަމަ އެގޮތަށް ބުނެވެން ޖެހޭ ކަމަށް މީހުން ގަބޫލު ކުރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ލާދީނީ މީހެކޭ ބުނުމުގެ ހައްގު އޮންނަން ޖެހޭކަމަށް ބަޔަކު ދެކޭ ކަމަށެވެ. އެ މައްސަލާގައި އެމަނިކުފާނު ދެކިލައްވާ ގޮތް މުހިއްމު ނޫން ކަމަށާއި ނަމަވެސް އެމަނިކުފާނަކީ އިސްލާމެއް ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވާއިރު، އެހެންމީހުން އެމަނިކުފާނާ ދިމާއަށް ލާދީނީ އޭ ބުނަން ނޭދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތް ކަމަށެވެ. އަދި ވަކި މީހަކީ ލާދީނީ މީހެެކޭ ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މެއި ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ އަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ހާދިސާގައި އެމަނިކުފާނު މަރުގެ ތުންފަތް މައްޗަށް ދިޔަ ކަމަށެވެ.

"ވަރަށް ރަނގަޅަށް ހަނދާންވާ ގޮތުގައި އެ ހިނދުގައި އަޅުގަނޑުގެ ހިތަށްވަދެ އަދި ދުލުންް ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތަކެވެ. މާތްﷲ ވޮޑިގެންވާކަމާއި އަދި އެކަލާނގެ މީސްތަކުންނަށް ހެޔޮމަގު ދެއްކެވުމަށް މުހައްމަދުގެފާނު މި ދުނިޔެ އަށް ފޮނުއްވިކަން ވަރަށް ފުރިހަމައަށް ގަބޫލުކުރެވޭ ކަމުގެ ތަސައްވަރާއި އަދި ބަސްތަކެވެ.އަޅުގަނޑުގެ ނަސީބު ގަދައީ އެވެ. މިފަދަ ސާފު ސާދާގޮތުގައި އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަ ވުމަށް މާތްﷲ އަނެއްކާވެސް މެދުވެރި ކުރެއްވީ އެވެ،" ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ދިމާއަށް ލާދީނީ އޭ ބުނާ މީހުން އެ ފަދަ ބަސްތައް ރައްދުކުރާ މީހުން އެފަދަ ބަސްތައް ރައްދުކުރަން ބޭނުންވާ ސަބަބާމެދު ސުވާލު އުފެދޭ ކަމަށެެވެ.

ލާދީނީ ކިޔުމާ ގުޅޭގޮތުން ރައީސް ނަޝީދު ލިޔުމެއް އާންމު ކުރައްވާފައިވާއިރު، އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.