03 Jun 2021, 15:44
ދިއްލީ (ޖޫން 3): އިންޑިއާގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާ ގޮތާ ހެދި އެގައުމުގެ ސުޕްރީމް ކޯޓުން މައި ސަރުކާރަށް ފާޑު ކިޔައިފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން އިއްޔެ ހާމަ ކުރި އަމުރެއްގައި ވަނީ އެގައުމުގައި ވެކްސިން ޖަހަން އެޕެއް މެދުވެރިކޮށް ރެޖިސްޓާ ކުރަން ޖެހެނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ. އަދި އިންޓަނެޓު ލިބުން ދަތި، ރަށްފުށު ސަރަހައްދުތަކުގައި އޭގެ ސަބަބުން ވެކްސިން ޖެހުމަށް ހުރަސް އެޅޭ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އިންޑިއާގައި 45 އަހަރުން މަތީގެ މީހުންނަށް ހިލޭ ކޮވިޑް ވެކްސިން ޖެހޭ ނަމަވެސް، 18 އަހަރާއި 44 އަހަރާ ދެމެދުގެ މީހުން ޑޯޒްތަކަށް އަގެއް ދައްކަން ޖެހުމާ މެދުވެސް އެ ކޯޓުން ނުރުހުން ފާޅު ކުރި އެވެ.
އިންޑިއާއިން މިދިޔަ މަހުގެ އެކަކުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިން ޖަހަން ހުޅުވާލި އިރު އަމަލުު ކުރަން ފެށި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ ވަކި ސްޓޭޓުތަކަށާއި ޕްރައިވެޓް ހޮސްޕިޓަލްތަކަށް، ވެކްސިން އުފައްދާ ފަރާތްތަކުގެ އަތުން ޑޯޒްތައް ގަތުމަށް ފުރުސަތު ދީފަ އެވެ. އަދި އެއަށް ފަހު ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދޭނީ ހެލްތު ވޯކަރުންނާއި 45 އަހަރުން މަތީގެ މީހުންނަށް އެކަނި ކަމަށް ބުނެފަ އެވެ.
އޭގެ ފަހުންވެސް ބައެއް ސްޓޭޓުތަކުން 18 އަހަރުން މަތީގެ އެންމެންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނި ނަމަވެސް ހުރިހާ ސްޓޭޓަކުން އެގޮތަށް އިއުލާންކޮށްފައި ނުވެ އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ ސަރުކާރުން ކޮވިޑް ވެކްސިން ގަތުމަށް ކަނޑައަޅާފައިވާ 350 ބިލިއަން ރުޕީސްގެ ބަޖެޓު މިހާތަނަށް ހަރަދު ކޮށްފައިވާ ގޮތުގެ ތަފްސީލާއި އެ ފައިސާ 45 އަހަރުން ދަށުން މީހުންނަށް ވެކްސިން ދޭން ބޭނުން ނުކުރެވޭ ސަބަބު ހާމަ ކުރުމަށް އަންގާފަ އެވެ. އަދި އެގައުމުގެ ސްޓޭޓުތަކާއި ޔޫނިއަން ޓެރިޓަރީތަކުން ހިލޭ ވެކްސިން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ނިންމާ ގޮތެއްވެސް ސާފުކޮށްދިނުމަށް ކޯޓުން އެންގި އެވެ.
އިންޑިއާއިން ވަނީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ކުރިން އެގައުމުގެ 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް ވެކްސިން ދީ ނިންމާނެ ކަމަށް ބުނެފަ އެވެ. އަދި މިހާރު ވެކްސިން ލިބުމުގައި ދަތިތަކެއް އުޅޭ ނަމަވެސް، ވެކްސިން އުފައްދާ މިންވަރު އިތުރުކޮށް، އޮގަސްޓާއި ޑިސެމްބަރާ ދޭތެރޭ ދެ ބިލިއަން ޑޯޒް ތައްޔާރު ކުރާނެ ކަމަށް ބުނެފަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ މިއަހަރު ނިމެންވާ ތަނަށް ވެކްސިން ލިބޭނެ މިންވަރުގެ މަގުޗާޓެއް އެކުލަވާލުމަށްވެސް މައި ސަރުކާރަށް އަމުރުކޮށްފަ އެވެ.
އިންޑިއާގައި ބޭނުން ކުރަން އެގައުމުން މިހާތަނަށް ހުއްދަ ދީފައި ވަނީ އެގައުމުގައި އުފައްދާ ދެ ކޮވިޑް ވެކްސިނެއް ކަމަށްވާ ކޮވިޝީލްޑާއި ކޮވެކްސިންގެ އިތުރުން ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިންއަށެވެ.
އިންޑިއާގައި ފާއިތުވި މަސްތަކުގައި ކޮވިޑްގެ ދެވަނަ ރާޅެއް ފެތުރި، ބަލީގެ ކޭސްތައް ރެކޯޑު އަދަދުތަކަށް އަރާފައިވެ އެވެ. ނަމަވެސް މިހާރު އެގައުމުގައި ބަލި ފެތުރޭ މިންވަރު މަދުވަމުންދާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެ އެވެ. އެގޮތުން މިދިޔަ މަހު އެގައުމުގެ ކޭސްތައް އެންމެ ގިނަވި އިރު ދުވާލަކަށް 400،000އަށް ވުރެ ގިނަ ކޭސް ފެނުނު ނަމަވެސް މިހާރު ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ އެއް ލައްކައަށް މަދުވެފަ އެވެ.