މެންޗެސްޓާ ސިޓީ އާއި އެކު ގިނަ މައްސަލަތަކެއް ޖެހިފައިވާ ކާލޮސް ޓެވޭޒް އެޓީމާއެކު ކުޅެން ނުކުތުމުގެ ކުރިން މަޢާފަށް އެދެން ޖެހޭނެ ކަމަށް އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ޓެވޭޒް އެޓީމުން ފެނިދާނެކަމުގެ އިޝާރާތެއް އެކުލަބުގެ ކޯޗު މަންޗިނީ ދާދިފަހުން ދީފައި ވެއެވެ.

ބެޔާން މިއުނިކާއި ދެކޮޅަށް މެންސިޓީ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި ކުޅެން އެރުމަށް ދެކޮޅު ހެދުމުގެ މައްސަލައަށް ފަހު، އެޓީމުން ޓެވޭޒް ފެނިފައެއް ނުވެ އެވެ. އެމައްސަލަ އާއި ގުޅިގެން ޓެވޭޒް ވަނީ މެންސިޓީ އަށް ކުޅެން ބޭނުންނުވާ ކަމަށް އެތައް ފަހަރެއްގެ މަތިން ހާމަކޮށްފަ އެވެ.

"ޖެހުނު މައްސަލަށް ޓެވޭޒް އަށް ވަރަށް ރަނގަޅަށް އެނގޭނެ. އަހަރެމެންގެ އެއްވެސް މައްސަލައެއް ނެތް. މެންސިޓީ އިން ޓެވޭޒްގެ ކުޅުން އަދިވެސް ފެނިދާނެ. އެހެން ނަމަވެސް އޭގެ ކުރިން އޭނާ މަޢާފަށް އެދެން ޖެހޭނެ. ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ޓެވޭޒްގެ ފަރާތުން ރަނގަޅު އަމަލުތަކެއް ފެންނާނެ ކަމަށް އުންމީދު ކުރަން." މަންޗިނީ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިއަކީ ޓެވޭޒް އެވެ. ޓެވޭޒް މިވަގުތު ހުރީ އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އާޖެންޓީނާގަ އެވެ.