03 Jun 2021, 17:20
ތެހެރާން (ޖޫން 3): އީރާނުގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެމަނަވަރުގައި ތިބި 400 އެއްހާ ސިފައިންނަށް ގެއްލުމެއް ނުލިބި އެމީހުންގެ ފުރާނަ ސަލާމަތް ކުރެވިއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.
އީރާންގެ ކަނޑުގެ ސިފައިންގެ ކޮމާންޑުން ނެރުނު ބަޔާނަކާ ހަވަލާދީ އެގައުމުގެ މީޑިއާ ބުނިގޮތުގައި މަނަވަރުގައި އަލިފާނުގެ ހާދިސާ ހިނގިއިރު އޭގައި 400 ވަރަކަށް ސިފައިން ތިއްބެވެ. އެއި އޭގެ ފަޅުވެރިންގެ އިތުރުން ތަމްރީންތަކެއްގައި ބައިވެރިވި ސިފައިންވެސް ހިމެނޭގޮތަށެވެ. އެހުރިހާ މީހުންގެ ފުރާނަވެސްވަނީ ސަލަމަތް ކުރެވިފައެވެ.

އީރާނުގެ މަނަވަރު
ޚަރްޖު ނަމަކަށްކިޔާ މިމަނަވަރުގައި އަލިފާނުގެ ހާދިސާ ހިނގީ ގަލްފަށް ވަންނަ ދޮރުމަތީގައިވާ ގަލްފުއޮފް އޮމާން ސަރަހައްދުގައި އީރާނުގެ ކަނޑުގެ ސިފައިން ކުރިޔަށްގެންދިޔަ އަސްކަރީ ތަމްރީންތަކެއްގައި އެމަނަވަރު ބޭނުންކުރަމުން ދަނިކޮށްކަން އީރާނުގެ ބަޔާނުގައިވެއެވެ.
މިއީ އަސްކަރީ ސާމާނާއި ހަތިޔާރު އުފުލުމުގެ އިތުރުން ހަނގުރާމައިގެ ހަރަކާތްތަކުގައިވެސް ބޭނުންކުރާ ވަރަށް ބޮޑު މަނަވަރެކެވެ. މިއީ ފަހުގެ ތާރީޚެއްގައި އީރާންގެ ކަނޑުގެ ސިފައިންގެ ތެރޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާކަމަށް އެގައުމުންވަނީ ސިފަކޮށްފައެވެ.

އީރާނުގެ މަނަވަރު އޮތް ސަރަހައްދު (ގަލްފު އޮފް އޮމާން)
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހްގީގް އީރާނުގެ ކަނޑުގެ ސިފައިންގެ ތަހްގީގް ޓީމަކުން މިހާރުވަނީ ފަށާފައެވެ. ރިޕޯޓްތައް ބުނާގޮތުން އަލިފާން ފުރަތަމަ ރޯވީ މަނަވަރުގެ އިންޖީނެއްގައެވެ. އެއަށްފަހު ޕެޓްރޯލް ލީކުވެ ކުއްލި މުޅި މަނަވަރަށް އަލިފާން ފެތުރިގެން ދިޔައީއެވެ. އަލިފާން ނިއްވާލުމަށްޓަކައި އީރާން ސިފައިންގެ ކަނޑުގެ އުޅަނދުތަކުން އެތަށް ގަޑީއިރެއްވަންދެން މަސައްކަތްކުރިނަމަވެސް އަލިފާން ނިއްވާނުލެވި މަނަވަރު އެންމެފަހުންވަނީ ކަނޑަށް ފެތިފައެވެ. މަނަވަރު ފެތުނީ މަނަވަރުގެ އިންޖީނު ހުރި ހިސާބުގައިވާ ބަޑުފިލައިތައް އަދައިގެން ކަމަށްވަނީ ބެލެވިފައެވެ. (އަލްއާލަމް)