03 Jun 2021, 10:06
ގދ. ތިނަދޫ ކޮވިޑް ފެސިލިޓީ އާއި ހުޅުމާލޭ ފެސިލިޓީއިން ކޮވިޑުގައި މިއަދު ޖުމްލަ ދެ މީހަކު މަރުވެ ރާއްޖެއިން އެ ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 173އަށް އަރައިފި އެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ރޭ ފަތިހު 5:30ގައި އެ ރަށު ކޮވިޑް ފެސިލިޓީގައި މަރުވެފައި ވަނީ އެތަނުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދިޔަ 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ތިނަދޫއިން ކޮވިޑުގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން އެޗްޕީއޭއިން މިއަދު ހާމަކުރި ގޮތުގައި ރޭ ދަންވަރު 12:48ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީއިން ވެސް ވަނީ މީހަކު މަރުވެފަ އެވެ. އެތަނުން މަރުވީ އެ ފެސިލިޓީގައި އެޑްމިޓްކޮށ ފަރުވާ ދެމުން ދިޔަ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެއާ އެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު 173 އަށް މިވަނީ އަރައިފަ އެވެ.
މިފަހަކައަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ގެ ކޭސްތައް ފެނު އެތައް ގުނައަކަށް ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. މާލެއިން އިއްޔެ އެކަނިވެސް ވަނީ 407 މީހަކު އަލަށް ބައްޔަށް ޕޮޒިޓިވްވެފަ އެވެ.