14 Feb 2012, 12:22
ތިންވަނަ ފަހަރު އާސެނަލް އިން ފްރާންސް ފޯވާޑް ތިއަރީ އޮންރީގެ އެހީއަށް އެދިއްޖެނަމަ، ހުށަހެޅުން ދޫކޮށްލުން ވެގެންދާނީ އުނދަގޫ ކަމެއް ކަމަށް އޮންރީ ބުނެފި އެވެ.
ލޯނުގެ ދަށުން އާސެނަލް އާއި ގުޅުނު އޮންރީގެ އެއްބަސްވުން ހަމަވުމުގެ ކުރިން އެޓީމާއެކު ކުޅޭ އެންމެ ފަހުގެ ޕްރެމިއާ ލީގު މެޗު މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުޅެފަ އެވެ. ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ފަހު ވަގުތު އޮންރީ ޖަހައިދިން ލަނޑާއި އެކު އާސެނަލް އަށް ކާމިޔާބީ ލިބިފައި ވެއެވެ. އެމެޗުގައި އޮންރީ ކާމިޔާބުކުރި ލަނޑަކީ އާސެނަލް އަށް ކާމިޔާބު ކޮށްދިން 229 ވަނަ ލަނޑެވެ. އާސެނަލް އަށް އޮންރީ ކުޅެ އެންމެ ފަހު މެޗަށް ވެގެންދާނީ އަންނަ ބުދަ ދުވަހުގެރޭ އޭސީ މިލާނާއި ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު މެޗަށެވެ.
"އަހަރެންގެ އަބަދުވެސް ބުނަމުން ދިޔައިން އާސެނަލް އަށް އިތުރަށް ކުޅެން ފަސްޖެހުމަކީ އުނދަގޫ ކަމެކޭ. އެޓީމުން އަދިވެސް އަހަރެންގެ އެހީއަށް ބޭނުންވާ ނަމަ އަހަރެން ހުންނާނީ ތައްޔާރަށް. އާސެނަލް އާއި އެކު ޕްރެމިއާ ލީގުގައި ކުޅުނު އެންމެ ފަހު މެޗަކީ އަހަރެންނަށް ވަރަށް އުފާވެރި ހަނދާންތަކެއް އާވެގެން ދިޔަ މެޗެއް." އޮންރީ ބުންޏެވެ.
އާސެނަލްގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔަކީ އޮންރީ އެވެ. އޮންރީ އަކީ އެހެން ކުޅުންތެރިންނަށް ރަނގަޅު މިސާލެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ބުނަމުން ދެއެވެ.