03 Jun 2021, 09:11
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަން ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
މިވަގުތުގެ ތެރޭގައި ކަސްޓަމަރުން ސަމާލުކަން ދޭން ޖެހޭ ކަންކަމާއި ކަސްޓަމަރުންގެ ހިތުގައި މިކަމާ ގުޅޭ ގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިވަނީ އޮޅުން ފިލުވައި ދެއްވައިފަ އެވެ.
ސ: ކާޑު ސިސްޓަމް އަޕްގްރޭޑްކުރަނީ ކޮން ބޭނުމަކު؟
ޖ: މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެކެވެ. މި މަސައްކަތްކުރުމަށް ވަގުތު ކަނޑައެޅިފައި މިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައެވެ.
ސ: އެ ގަޑީގައި ޓްރާންސްފާ ކުރެވޭނެތަ؟
ޖ: ކާޑުގެ ހިދުމަތްތައް މެދުކެނޑިގެން ދާ ވަގުތުގައިވެސް އިންޓަރނެޓް ބޭންކިންގ އާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެއެވެ. އެހެން ކަމުން ކަސްޓަމަރުންނަށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރުމާއި އެކައުންޓް ހިސްޓްރީވެސް ޗެކް ކުރެވޭނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލްވެސް ފޮނުވޭނެއެވެ.
ސ: މެދުކެނޑޭނީ ކޮން ހިދުމަތްތަކެއް ؟
ޖ: މި މަސައްކަތްތައް ކުރެވެމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އަޅުގަނޑުމެން ދެމުންދާ އެންމެހާ ކާޑުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެއެވެ. އެހެން ކަމުން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މަރޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތާއި ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ޑިޖިޓަލް ޕިންގެ ހިދުމަތްވެސް މެދު ކެނޑޭނެއެވެ.
ސ: ރާއްޖޭން ބޭރުގައި ކާޑުން ހިދުމަތް ހޯދާނަމަ ހަދަންވީ ކިހިނެއް؟
ޖ: ކުރިންވެސް ދެންނެވިހެން މި މަސައްކަތްކުރުމަށް ވަގުތު ކަނޑައެޅިފައި މިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައެވެ. އެހެން ނަމަވެސް މިވަގުތާ ދިމާކޮށް ކާޑު ބޭނުންކޮށްގެން މުއާމަލާތެއް ކުރަންޖެހޭ ނަމަ އެ މުއާމަލާތެއް ކުރިން ނިންމުމަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ. މި ގޮތުން ހޮޓަލަކުން ޗެކް-އައުޓް ވާންޖެހޭ ވަގުތު ފައިސާ ދައްކަން ޖެހޭ ހާލަތެއް މެދުވެރިވާނަމަ، ނުވަތަ އޭޓީއެމް އިން ފައިސާ ނެގުން ފަދަ ކަންކަން ކުރީބައިގައި ނިންމުމަށް ދަންނަވަމެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ފްލައިޓް ޓިކެޓް، ބިލް ނުވަތަ ސަބްސްކްރިޕްޝަނެއްގެ ސުންގަޑި ހަމަވާނަމަ އެކަންވެސް ކުރިން ނިންމެވުމަށް ދަންނަވަމެވެ.
ހުކުރު ހެނދުނު އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ދެމުންދާނެ ކަމަށް އެ ބޭންކުންވަނީ ހާމަކޮށްފަ އެވެ.