02 Jun 2021, 23:31
ރަޝިޔާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ"ވެކްސިންގެ 500،000 ޑޯޒް ހަދިޔާކޮށްދޭނެ ކަމަށް ބުނެ ސަރުކާރަށް ފޮނުވާފައި ވަނީ ފޭކް ޑޮކިއުމަންޓެއް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން އޯޑަރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ލިބޭނެ ދުވަހެއް އަދިވެސް ނޭނގޭތީ ރަޝިޔާއިން އުފައްދާފައިވާވެކްސިންގެ ޝިޕްމަންޓެއް ގެންނަން ވަނީ ނިންމައިފަ އެވެ.
ރާއްޖެއިން ރަޝިޔާ ވެކްސިން ގަންގަން ނިންމީ، 500،00 ޑޯޒް ހިލޭ ދިނުމަށް ކުންފުންޏަކުން ހުށަހަޅާފައި ވަނިކޮށް ކަމަށް މިއަދު މީޑިއާ އިން ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މިރޭ ވިދާޅުވީ ވެކްސިން ހިލޭ ދޭނެ ކަމަށް ބުނެ ފުރަތަމަ ސިޓީއެއް ލިބުނީ ޑެލްޓާ ޝިޕިން ކުންފުނީގެ ވަސީމްގެ ފަރާތުން ކަމަށެވެ.
އެ ލިޔުންތައް ލިބުމާއެކު ފުރަތަމަ ވެސް އެކަމާ މެދު ޝައްކުތަކެއް އުފެދުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި މި އޮންނަނީ އެ ޕްރޮޑިއުސް ކުރާ ކުންފުނިން، ނުވަތަ އެފަރާތަކުންނޭ މި އެއްޗެހި ވިއްކާ ހަދަނީ. އެއަކަށް މެދުވެރިއެއް ބޭނުމެއް ނުވެޔޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކަރުން އަބަދުވެސް މިކަހަލަ ކަންކަން ކުރަނީ، ސަރުކާރު މެދުވެރިކޮށް އެ ކުންފުންޏާ ގުޅައިގެން، ދެ ސަރުކާރު ދެމެދު ކަމަށެވެ.
"ދެން ކުއްލިއަކަށް ފަސް ލައްކަ ޑޯޒް މިގޮތަށް ލިބޭނެ ކަމަށް އެބޭފުޅުން އަންގަވާފަ އޮތީމަ މި ޑޮކިއުމަންޓްތައް އަޅުގަނޑު ފޮނުވީ ފޮރިން މިނިސްޓްރީއަށް. މީގެ ސައްހަކަން ބަލައިލުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފޮރިން މިނިސްޓްރީން އެކަން ބަލައި ރިޕޯޓެއް ފޮނުވާފައިވާ ކަމަށާއި، އެއީ "ފޭކް ޑޮކިއުމަންޓްތަކެއް" ކަން އެނގިފައިވާ ކަމަށެވެ.
"ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މި ވިދާޅުވަނީ މީ ފޭކް ޑޮކިއުމަންޓް ތަކެކޭ. އެހެންވީމަ މިއީ އެއްވެސް ސައްހަ ވާހަކަތަކެއް ހުރި އެއްޗެއް ނޫނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިފަދަ އޮފާތައް ލިބެމުންދާ ކަމަށާއި، އެހެންކަމުން އެކަން ކަށަވަރު ކުރަނީ ސަރުކާރުން ސަރުކާރަށް ގުޅައިގެން ކަމަށެވެ.
ބަޔަކު ވެކްސިން އޮފާ ކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި، އެހެން ނަމަވެސް އޮފާކުރަން ވާނީ ރަނގަޅު އެއްޗެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ފޭކް ޑޮކިއުމަންޓްތައް ފޮނުވައި މިފަދަ ކަންކަން ކުރުމަކީ ވަރަށް ދެރަ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.