ކޮވިޑް19 ގައި ރޭ މަރުވި، ފާތިމަތު މިޝްކާ މުހައްމަދު (10)ގެ ކޭސްގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެއްބަސްވެވަޑައިގެންފި އެވެ.

މިޝްކާ ކޮވިޑް19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާ އެކު ގޭގަ އެވެ. އެކުއްޖާގެ ހާލު ސީރިއަސްވެ، ރޭ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ވަނީ ގެންގޮސްފަ އެވެ. ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވީ ރޭ 12:10 ހައިރު އެވެ.

އާއިލާ އިން ބުނެފައި ވަނީ ރޭ 9:00 ހާއިރު އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދި އާއިލާގެ ފަރާތުން ގުޅަމުން ދިޔަ ކަމަށާއި، އެމްބިއުލާންސް ދިޔައީ 11:40ގައި ކަމަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިޝްކާ ނިޔާވުމުގައި ދިމާވި ކަންތައްތަކަށް ބަލާއިރު، އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުން ލަސްވެފައިވާ ކަމަށެވެ.

"މީގަ އިހުމާލު އެބަ އޮތް އިނގޭތޯ. އިހުމާލު އެބަ އޮތް. އެކަމަށް އެޓެންޑުވި މީހުންގެ އިހުމާލު އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގެ ތަހުގީގުކުރަމުން އަންނަ ކަމަށާއި، މިރޭގެ ނިޔަލަށް ތަހުގީގު ނިމޭނެ ކަމަށެވެ. ތަހުގީގު ނިންމައި އަޅާ ފިޔަވަޅެއް އާންމު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިޝްކާއަށް އެޓެންދުވުމަށް އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް ހެލްތުން ކުރަމުން އަންނަ އިރު، އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ވެސް ހެލްތުން ބުންޏެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އަންނަނީ މި ކޭސްގައި ކަން ހިނގާދިޔަ ގޮތް ބަލަމުންނެވެ.