14 Feb 2012, 12:09
ރެއާލް މެޑްރިޑަށް ސްޕެނިޝް ލީގު ލިބުނީ ކަމަށް ނުބެލުމަށް އެޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ. އަދިވެސް ލަލީގާ އަކީ ވާދަވެރި ލީގަކަށް ވާނެ ކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ.
މިދިޔަ އާދިއްތަ ދުވަހު ލަލީގާގައި ލަވެންޓޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް އިން ކާމިޔާބު ކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކޮށް، ރޮނާލްޑޯ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިހެޓްރިކާއެކު ރޮނާލްޑޯ އުޅެނީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނާގަ އެވެ. އެމެޗު ރެއާލް އިން ކާމިޔާބު ކުރީ 4-2 ލަނޑުންނެވެ.
"އަދިވެސް ލީގުގައި ގިނަ މެޗުތަކެއް އެބަހުރި. ނަތީޖާ އަކީ އެނބުރިދާނެ އެއްޗެއް. އަދި އުފާފާޅުކުރަން މާ އަވަސް. އަހަރެމެން ދައްކަމުން މިދަނީ ވަރަށް ރަނގަޅު ކުޅުމެއް. މިހެން ކުޅެމުންދާނަމަ، ކޮންމެ މުބާރާތެއް ވެސް ރެއާލް އަށް ކާމިޔާބު ކުރެވިދާނެ،" ރޮނާލްޑޯ ބުންޏެވެ.
ލަވެންޓޭ އާއި ދެކޮޅަށް ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ރެއާލް އަށް ވަނީ ދިހަ ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ. ރެއާލް އަށް ދިހަ ޕޮއިންޓްގެ ލީޑެއް ލިބުނީ މިދޔަ ހޮނިހިރު ދުވަހު ލަލީގާގައި އޮސަސޫނާ އަތުން ބާސެލޯނާ ބަލިވުމުންނެވެ.